ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ބަޔާންކުރާ "އިސްތިއުނާފު ކޮމިޓީ" އެކުލަވާލައްވައި، އެ ކޮމިޓީއަށް 5 ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނުގެ 89 ވަނަ މާއްދާގެ (ހ)ގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުގެ "އިސްތިއުނާފު ކޮމިޓީއަށް" ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފަސް ބޭފުޅުން އައްޔަނު ކުރަށްވައިފިކަން ހޯމް މިނިސްޓްރީއިން މިއަދު ވަނީ ހާމަކުރަށްވާފަ އެވެ.

Ad
rt

އިސްތިއުނާފް ކޮމިޓީއަށް އައްޔަންކުރެއްވި 5 ބޭފުޅުން

  • ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރޓ) މުހައްމަދު ސޯދިގު، ދަފްތަރު ނަންބަރު 6613 / މާލެ
  • އަލްއުސްތާޒް އަޒްމީން ރަޝީދު، ޗަނބޭލީވިލާ/ ގދ. ރަތަފަންދޫ
  • ފާތިމަތު ލީނާ، މ. ސަލްޖަމްގެ / ކ. މާލެ
  • އަލްއުސްތާޒާ މިންނާ ނާފިޒް، މ. ލިލީސް / ކ.މާލެ
  • އަލްއުސްތާޒް އަހްމަދު ޝިހާދު، ބްލެސް / ހއ. ހޯރަފުށި

ގާނޫނު ބުނާގޮތުން، އިސްތިއުނާފު ކޮމިޓީގެ މެންބަރުންނަކީ ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެއެވެ.

ފުލުހުންގެ ގާނޫނުގައި ބުނެފައި އޮންނަ ގޮތުގައި ޑިސިޕްލިނަރީ ބޯޑުން ނިންމާ މައްސަލައެއް، ޑިސިޕްލިނަރީ ބޯޑުން އެ މައްސަލައެއް ނިންމާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭހައި އިސްތިއުނާފު ކޮމިޓީއަށް އިސްތިއުނާފުކުރުމަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ފުލުހަކާއި މެދު ފިޔަވަޅެއް އަޅަން ޑިސިޕްލިނަރީ ބޯޑުން ނިންމައިފިނަމަ އެމައްސަލައެއް ކޯޓަށް ހުށަހެޅޭނީ އިސްތިއުނާފު ކޮމެޓީއަށް ހުށަހެޅުމަށް ފަހުއެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު އަމަލުކުރަން ފަށާފައި ވާއިރު، އެ ގާނޫނުގެ ދަށުން ފުލުސް ބޯޑު ވެސް މިހާރު ވަނީ އެކުލަވައިލާފަ އެވެ.