ޤިޔާމަތް ދުވަހު، މިސްތަކުންގެ މައްޗަށް ނިޔާ ކަނޑައެޅި، އެބަހީ ސުވަރުގެވަންތަވެރިން ސުވަރުގެއަށްވެދެ ނަރަކަވަންތަވެރިން ނަރަކައަށް އެއްލާއި ނިމޭހިނދު، ނަރަކަވަންތަވެރިންގެ ދެރައާއި މޮޅިވެރިކަން އިތުރުވެދާފަދަ ކަމެއް ހިނގައެވެ.

އެބައިމީހުންގެ އެކުވެރިޔާ ކަމުގައި ދުނިޔެމަތީގައި ޚިޔާރުކުރި، ލަޢުނަތްވެގެންވާ ޝައިޠާނާ އެބައިމީހުންނާ މުޚާތަބުކޮށް ވާހަކަ ދައްކާނެއެވެ. ކީރިތި ޤުރްއާނުގައި ﷲ ވަނީ ޤިޔާމަތް ދުވަހު ހިނގާނެ މިޙާދިޘާ އަހަރެނެންނަށް ފިލާވަޅެއްގެ ގޮތުގައި ޛިކުރުކުރައްވާފައެވެ. އެއިލާހު ވަޙީ ކުރައްވަނީ، وَقَالَ ٱلشَّیۡطَـٰنُ لَمَّا قُضِیَ ٱلۡأَمۡرُ إِنَّ ٱللَّهَ وَعَدَكُمۡ وَعۡدَ ٱلۡحَقِّ وَوَعَدتُّكُمۡ فَأَخۡلَفۡتُكُمۡۖ

Ad
rt

މާނަ: "އަދި ކަންތައް ނިޔާކުރައްވައި ނިމޭހިނދު، ޝައިޠާނާ ބުނާނެތެވެ. ހަމަކަށަވަރުން، اللَّه، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާފައިވަނީ، ޙައްޤު ތެދު ވަޢުދު އެވެ. އަދި ތިމަންވެސް ތިޔަބައިމީހުންނަށް ވަޢުދު ކުރީމެވެ. ފަހެ، ތިޔަބައިމީހުންނަށް ތިމަންކުޅަ ވަޢުދު އާ ޚިލާފު ވީމެވެ...."

  • ސުބުޙާނަﷲ! އިންސާނުން މަގުފުރެއްދާނެ ކަމަށް ﷲގެ ޙަޟްރަތުގައި ވަޢުދުވި އިބުލީސް އޭނާގެ ބަހަށް ހެއްލުނު މީހުންނާ މުޚާޠަބުކޮށް މިބުނި ބުނުމުން އަހަރެމެންނަށް މި އެނގުނީ ކޮން އެއްޗެއް ހެއްޔެވެ. އިބުލީސް ބުނާ ކަހަލައެވެ. ނަރަކަވަންތަވެރިން ކަމުގަ ތިމަންނާމެން ހެދީ އަހަންނޭ ކިޔައިގެން ހުރިހާ ކަމެއް އަހަރެންގެ ބޮލަށް ޖަހާލަން ނޫޅޭށެވެ. ހަމަކަށަވަރުން އަހަރެން ވަނީ އިންސާނުން މަގުފުރައްދާނެކަމަށް ﷲގެ ޙަޟްރަތުގައި ވަޢުދު ވެފައެވެ. އަހަރެން ތިޔަބައިމީހުންނަށް ބޭކާރު ވަޢުދުތަކެއް ވީމެވެ. އަދި ﷲވެސް ތިޔަބައިމީހުންނަށް ވަޢުދު ތަކެއް ވިއެވެ. އެހެނީ ތިޔަބައި މީހުންނަށް އަހަރެން ދެއްކި މަގު އިޚްތިޔާރު ކުރުމުގެ ފުރިހަމަ ބާރު އޮތްފަދައިން ﷲ ދެއްކެވި ހިދާޔަތުގެ މަގު އިޚްތިޔާރު ކުރުމުގެ ފުރިހަމަ ބާރުވެސް އޮތެވެ. އެހެނަސް ތިޔަބައިމީހުން އިޚްތިޔާރު ކުރީ އަހަރެންގެ މަގެވެ. މިއަދު ދެން އަހަރެން ކުށްވެރި ނުކުރާށެވެ.

އެއަށްފަހު ﷲ ކުރައްވާފައިވާ ވަޙީބަސްފުޅުން، އިބުލީހުގެ މަގު ޚިޔާރު ކުރުމަކީ ކޮންފަދަ މޮޔަ ކަމެއްކަން ބަޔާންކުރައްވައެވެ. އެއިލާހު ވަޙީކުރައްވަނީ: وَمَا كَانَ لِیَ عَلَیۡكُم مِّن سُلۡطَـٰنٍ إِلَّاۤ أَن دَعَوۡتُكُمۡ فَٱسۡتَجَبۡتُمۡ لِیۖ فَلَا تَلُومُونِی وَلُومُوۤا۟ أَنفُسَكُمۖ

މާނަ: "އަދި ތިޔަބައިމީހުންނަށް ތިމަން ގޮވައިލުން ފިޔަވައި، ތިޔަބައިމީހުންގެ މައްޗަށް އެއްވެސް ބާރެއް ތިމަންނާއަކަށް ލިބިގެނެއް ނުވެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންނާގެ ގޮވައިލުމަށް އިޖާބަދިނީއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ! އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ކުށްވެރިކޮށް ވާހަކަ ދައްކާށެވެ!"

  • މިތާނގައި އިބުލީސް މިބުނަނީ ކީކޭތޯއެވެ! ﷲ އަހަންނަކަށް ކަލޭމެންގެ މައްޗަށް އެއްވެސް ބާރެއް ނުދެއްވައެވެ. އެހެނީ އަހަރެން މިދޭ ވަސްވާސް ދޭކަން އެކަންޏެވެ. އެއަކަށް އެއްވެސް ޙުއްޖަތެއް ދަލީލެއް ނެތެވެ. އެހެނަސް ﷲ ނަބީބޭކަލުން ބޮޑެތި މުޢުޖިޒާތްތަކާއި، ހެކިތަކާއި ދަލީލުތަކާއެކީ ވަޑައިގެން ތިޔަބައިމީހުންނަށް ޙައްޤުގެ މަގަށް ގޮވާލީމާވެސް، ތިޔަބައިމީހުން ތިޔަ އިޖާބަ ދިނީ އަހަރެންގެ ގޮވާލުމަށެވެ. ތިޔައީ ކޮންފަދަ މޮޔަ ބައެއްހެއްޔެވެ. މިއަދު ދެން އަހަރެން ކުށްވެރިކޮށްފައި ކޮން ވާހަކަތަކެއް ދައްކާކަށް ހެއްޔެވެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް އެއްޗިހި ކިޔައި ކުށްވެރި ކުރާށެވެ.

އަޚުންނާއި އުޚްތުންނޭ! ވިސްނާލައްވާ! ޙައްޤާއި ބާޠިލަކީ ރަނގަޅަށް ބަލައިފި ކޮންމެ މީހަކަށްވެސް ސާފުކޮށް ފެންނަން އޮތް އެއްޗެކެވެ. އަހަރެމެންގެ ދީނަކީ އިސްލާމް ދީނެވެ. އަހަރެމެން މިދީނަށް އުޅެނީ އަހަރެމެންގެ ނަބިއްޔަ އަހަރެމެންނަށް ދަސްކޮށްދެއްވި ގޮތަށެވެ. ހެވާއި ނުބައި އަހަރެމެންނަށް އޮޅުން ފިލުވައިދެއްވުމަށްޓަކައި ނަބީބޭކަލުންގެ ވަޒީފާއިގެން އަބަދާ-އަބަދު ދީނީ ޢިލްމުވެރިން މަސައްކަތް ކުރައްވައެވެ. އަހަރެމެން ދިވެހިން މިއުޅެނީ ސައްތައިންސައްތަ އިސްލާމީ ބިމެއްގައެވެ. ހެޔޮގޮތް ހޯދައިގަތުމަކީ ޙައްޤުގެ މަގު ހޯދުމަށް އެދޭ މީހަކަށް މިއަދު އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް ތިމާގެ ހަވާ-ނަފުސަށް ތަބާވާން އެދޭ މީހަކަށް އެއީ އުނދަގޫ ކަމެއްކަމުގައި ވެދާނެއެވެ. ޙައްޤުގެ މަގު ދޫކޮށް އިބުލީހުގެ މަގަށް ހެއްލެންވީ ކީއްވެތޯއެވެ؟ ދީނަށް އުޅެންވީމާ ނުވަތަ ސުންނަތަށް އުޅެންވީމާ، އިބުލީސް ވަޢުދުވަމުން ދާ މަޖާނެގުންތަކާއި ނާޗަރަންގީތަކުން މަހުރޫމްވާނެތީ ތޯއެވެ؟ ﷲ ގަންދީ ބުނަމެވެ. އެއީ މުޅިންވެސް "ފޭކު" ވަޢުދު ތަކެކެވެ. ޤިޔާމަތްދުވަހު އިބުލީސް މިޙަޤީޤަތް ހާމަ ކުރާނެ ވާހަކަ ﷲ ވަނީ ކީރިތި ޤުރްއާނުގައި 7 އުޑުމަތިން ބަޔާންކުރައްވައި އަހަރެމެންނަށް ހަނދާން ކޮށްދެއްވާފައެވެ. ވިސްނާ ފިކުރުކުރައްވާ! އުޅުން އިޞްލާޙުކޮށް މިދުނިޔޭގަ ހޭދަވާ މަދު ދުވަސްކޮޅަކީ އާޚިރަތަށް ތައްޔާރުވުމަށް ހޭދަކުރާ ދުވަސްކޮޅެއް ކަމުގައި ހެދުމަށް މަސައްކަތް ކުރަމާ ހިނގާށެވެ.

- މިލިޔުމުގައިވާ އާޔަތާ ގުޅޭ މަޢުލޫމާތު ލިޔެވިފައިވަނީ ތަފްސީރު އިބްނު ކަޘީރުގައި މިއާޔަތުގެ ތަފްސީރުގައި ލިޔެވިފައިވާ ބައިތަކަށް ބިނާކޮށެވެ. -