އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރުމުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

މިގޮތުން މިއަދު އެޗްޕީއޭއިން އެންގި އެންގުމުގައި ބުނެފައިވަނީ މިހާލަތަކީ، ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރެވިފައިވާ ހާލަތެއް ކަމަށެވެ.

Ad
rt

އެހެންކަމުން 27 އޭޕްރީލް 2021 ން ފެށިގެން، ވަކިގޮތެއް އަންގަންދެން އިންޑިއާއިން ދަތުރުކުރުމުގައި، ޚާއްޞަ ފިޔަވަޅުތައް އަޅަން އަންގާކަމަށް އެ އެންގުމުގައި ބުނެފަ ވެއެވެ.

އެ އެންގުމުގައި ބުނެފައިވާ ފިޔަވަޅުތައް

  • ކޯވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، އިންޑިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރާ މީހުންނާއި އިންޑިއާގައި ދިރިއުޅެފައިވާ މީހުން (މީގެ ތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ މީހުން ހިމެނޭގޮތަށް) ދިވެހިރާއްޖެއަށް އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓުގެ ނަތީޖާއަކާއެކު ދަތުރުކުރުން.
  • ކޯވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް އިންޑިއާއިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކް ޕާރމިޓް ހޯލްޑަރުން ރާއްޖެ އައުމަށްފަހު 24 ގަޑިއިރުގެ ތެރޭގައި ޕީ.ސީ.އާރު ޓެސްޓް ހެދުމާއި، 10 (ދިހައެއް) ދުވަހުގެ މުއްދަތަށް ކަރަންޓީނު ވުން، މިފަދަ ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޕީ.ސީ.އާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ނެގެޓިވް ވުމުންނެވެ. (މީގެތެރޭގައި 1 އަހަރުން ދަށުގެ ކުޑަކުދީންނެއް ނުހިމެނެއެވެ.)
  • ފުރަމަ ނުކުތާގައި އި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން ރާއްޖެއިން ފުރުމުގެ ކުރިން ޑިޕާޗަރ ޕީ.ސީ.އާރު ޓެސްޓެއް ހެދުން.
  • އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިން (މީގެ ތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ ފަތުރުވެރިން ހިމެނޭގޮތަށް) ދިވެހިރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީހޮޓާ (މީހުން ދިރިއުޅޭތަންތަނާ މުޅިން ވަކިން ހުންނަ ސިޓީ ހޮޓާތައް ފިޔަވައި) ތަކަށް ޗެކްއިން ވުން ހުއްޓައިލުން. ނަމަވެސް މިހާރު މިފަދަ ތަންތަނުގައި ޗެކްއިން ވެފައި ތިބި އިންޑިއާއިން ދަތުރުކޮށްފައިވާ ފަތުރުވެރީންނަށް ބުކިންގ ހަދައިފައިވާ މުއްދަތަށް ތިބުމުގައި އެއްވެސް ހުރަހެއް ނެތެވެ.

އެޗްޕީއޭއިން މި ނިންމުންތައް އާންމުކޮށްފައިވާއިރު، އިންޑިއާގެ ކޯވިޑްގެ ހާލަތުގެ ސަބަބުން ގިނަ ޤައުމުތަކަކުން ވަނީ އެ ގައުމަށް ދަތުރުކުން ވެސް ހުއްޓާލާފަ އެވެ.

އިއްޔެ އެކަނިވެސް އެ ޤައުމުން 349,313 މީހުން އަލަށް އެ ބައްޔަށް ޕޮޒިޓިވްވިއެވެ. މިހާތަނަށް އެ ޤައުމުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަދަދަކީ 16,951,769 އެވެ. އެބަލީގައި އެ ޤައުމުން މިހާތަނަށް 192,310 މީހުން ވަނީ މަރުވެފަ އެވެ. އިއްޔެވެސް 2,761 މީހަކު މަރުވިއެވެ.

ކޯވިޑްގެ ހާލަތު ގޯސްވެ، އިންޑިއާގެ ހެލްތު ސިސްޓަމަށް ނުކަތާވަރުވެފައިވާއިރު، ހޮސްޕިޓަލްތައް ފުރި އެ ޤައުމުން އޮކްސިޖަން ލިބުމުގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފަ އެވެ.

ހަމައެހެންމެ، ރާއްޖޭގެ ކޯވިޑް ހާލަތުވެސް އަދިވެސް އޮތީ ނާޒުކް ފައްތަރެއްގައެވެ. ރާއްޖެއިން ޕޮޒިޓިވްވާ ރޭޓް ދަށްނުވެ ތިންމަހަށް ވުރެ ގިނަ ދުވަސްވެފަވާއިރު، އަތޮޅު ތެރޭގައި ހަލުވިކަމާއެކު ބަލި ދަނީ ފެތުރެމުންނެވެ.