އިނގިރޭސި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެ ރޭ އާސެނަލްއާއި އެވަޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް އެވަޓަންއިން ގަދަ ހަތަރެއްގެ އުންމީދު އައު ކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެވަޓަންއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނތީޖާއިންނެވެ.

Ad
rt

އެވަޓަންއިން މި މެޗަށް ނުކުތްއިރު ލީގުގައި އެ ޓީމުން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް މޮޅެއް ހޯދިފައި ނުވެއެވެ. ނަމަވެސް މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއިއެކު އެ ޓީމަށް ވަނީ ގަދަ ހަތަރަކަށް ވަނުމަށް ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ލިބިގެން ގޮސްފައެވެ. އެވަޓަންއިން ލީގުގައި ކުޅުނު 32 މެޗުން ލިބުނު 52 ޕޮއިންޓާއިއެކު ތާވަލުގެ އަށް ވަނާގައި އޮތް ނަމަވެސް އެ ޓީމާއި ހަތަރު ވަނާގައި އޮތް ޗެލްސީއާއި ދެމެދު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ. ލީގުގެ ގަދަ ހަތަރެއްގެ ފޯރި ގަދަވެފައިވާއިރު ތާވަލުގެ ފަސްވަނާގައި ވެސްޓްހަމް ވެސް އޮތީ 55 ޕޮއިންޓް ހޯދައިގެންނެވެ. ހަ ވަނާގައި 53 ޕޮއިންޓާއިއެކު ޓޮޓެންހަމް އޮތްއިރު ހަތް ވަނާގައި ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން އޮތީ ލިވަޕޫލެވެ.

މި މެޗުގައި ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް ލަނޑުޖަހާނެ މާގިނަ ފުރުޞަތު ތަކެއް ތަނަވަސް ކުރެވިފައި ނުވެއެވެ. ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި އެވަޓަންގެ ސިގާޑްސަން ފޮނުވާލި ހިލޭޖެހުން އާސެނަލްގެ ގޯލުގެ ހުރަސް ދަނޑިއަށް ވަނީ އަމާޒުވެފައެވެ.

މި މެޗުގެ ފަހު ހާފުގެ ކުރީކޮޅު އެވަޓަންގެ އޭރިއާގެ ތެރެއިން އެވަޓަންގެ ފޯވާޑް ރިޗާލިސަން އާސެނަލްގެ މިޑްފީލްޑަރ ޑެނި ކެބަޔޮސްއަށް ކުރި ފައުލަކާއި ގުޅިގެން ޕެނަލްޓީއެއް ދިން ނަމަވެސް، ވީޑިއޯ އެސިސްޓަން ރެފުރީ (ވީއޭއާރް) ބެލުމަށްފަހު އެ ޕެނަލްޓީ ވަނީ ކެންސަލް ކޮށްލާފައެވެ. ސަބަބަކީ އެކަން ހިނގުމުގެ ކުރިން އާސެނަލުގެ ނިކޮލަސް ޕެޕޭ އޮފްސައިޑުގައި ހުރުމުންނެވެ.

މި މެޗުން އެވަޓަން މޮޅުވެފައި ވަނީ މެޗުގެ 76 ވަނަ މިނެޓުގައި އާސެނަލްގެ ކީޕަރ ލެނޯއަށް އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. މި ލަނޑަކީ އެވަޓަންގެ ބްރެޒިލް ފޯވާޑް ރިޗާލިސަން އާސެނަލްގެ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ނަގަން އުޅުމުގެ ތެރޭ ލެނޯއަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މެޗުގެ ފަހު ވަގުތު ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުޞަތެއް އާސެނަލްގެ ގެބްރިއަލް މާޓިނެއްލީއަށް ލިބިފައިވެއެވެ. އޭނާ ފޮނުވާލި ބޯޅަ އެވަޓަންގެ ކީޕަރ ޕިކްފޯޑް ވަނީ ދިފާއު ކޮށްފައެވެ.

މި ބައްޔާއިއެކު އާސެނަލްއަށް ވަނީ އަންނަ ސީޒަންގެ ޔޫރަޕާ ލީގަށް ކޮލިފައި ވުމަށް ވެސް ހުރަސްތަކާއި ކުރިމަތިވެފައެވެ. މިވަގުތު ލީގުގައި އެ ޓީމް އޮތީ ނުވަ ވަނާގައެވެ. އެއީ 33 މެޗުން ލިބުނު 46 ޕޮއިންޓާއި އެކުގައެވެ. ހަވަނާގައި އޮތް ޓޮޓެންހަމްއާއި އާސެނަލްއާއި ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް މިހާރު ވެސް އެބައޮތެވެ.

މި މެޗުން އެވަޓަން މޮޅުވިއިރު، މިއީ 1987 ވަނަ އަހަރުގެ ފަހުން ލީގުގައި އާސެނަލް އަތުން އެވަޓަން އެއް ސީޒަނެއްގައި ދެ މޮޅު ހޯދި ފުރަތަމަ ފަހަރެވެ.