މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާންކޮށް ނިންމާލައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ)އިން މި އިންތިޚާބުގެ ދާއިމީ ނަތީޖާ ޢިއުލާން ކުރަން ފެށީ މިދިޔަ ބްރާސްފަތި ދުވަހުއެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ތެރެއިން 67 އިންސައްތަ މީހުން ވޯޓްލާފައި ވެއެވެ.

Ad
rt

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރަސްމީ ނަތީޖާއަށް ބަލާއިރު، ގިނަ ގޮނޑިތައް ކާމިޔާބު ކޮށްފައިވަނީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީންނެވެ. އެގޮތުން އެ ޕާޓީން ވަނީ 3 ސިޓީއެއްގެ މޭޔަރުކަމާއި 11 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

އެމްޑީޕީއަށް އަތޮޅު ކައުންސިލްތަކުގެ ރައީސްކަން ލިބުނު އަތޮޅު ތަކަކީ، ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ބ. އަތޮޅު، އދ. އަތޮޅު، އއ. އަތޮޅު، ވ. އަތޮޅު، މ. އަތޮޅު، ދ. އަތޮޅު އަދި ލ. އަތޮޅެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީޕީއެމްއިން ވަނީ މި އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމާއި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީގެ އިތުރުން 7 އަތޮޅެއްގެ ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ކޮށްފަ އެވެ. މީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގަން ފެށި ފަހުން މާލެ ސިޓީ އެމްޑީޕީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ.

ޕީޕީއެމްއަށް އަތޮޅު ކައުންސިލްތަކުގެ ރައީސްކަން ލިބުނު އަތޮޅު ތަކަކީ، ރ. އަތޮޅު، ޅ. އަތޮޅު، މާލެ އަތޮޅު، ފ. އަތޮޅު، ތ. އަތޮޅު، ގއ. އަތޮޅު އަދި ގދ. އަތޮޅެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބުވި ކައުންސިލަރުން ހުވައިކުރުމުގެ ރަސްމިއްޔާތު އަންނަ މަހުގެ މެދު ތެރޭގައި ބޭއްވުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ނިންމާފަ އެވެ.

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.