މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި، އަލުން 6 ރަށެއްގައި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

އިންތިހާބާ ގުޅިގެން ހުށަހަޅާފައިވާ މައްސަލަތައް ބަލައި ނިމި، ދާއިމީ ނަތިޖާ އިއުލާންކުރެވިފައިވާއިރު، އިންތިޚާބުގައި ވޯޓަށް އަސަރުކުރާފަދަ މައްސަލަތަކެއް ދިމާވެގެން އަލުން އިންތިޚާބު ބާއްވަންޖެހޭ ކަމަށް ކަނޑައަޅާފައިވަނީ ތ. ގާދިއްފުއްޓާއި، ލ. މާވަށުގައި ކަމަށް އީސީން ވަނީ ބުނެފަ އެވެ.

Ad
rt

ކައުންސިލް އިންތިޚާބުގެ ނަތީޖާ އެއްވަރުވެގެން އަލުން އިންތިޚާބު ބާއްވަންޖެހޭ 4 ރަށަކީ، ހއ. ތަކަންދޫ، ފ. ދަރަނބޫދޫ، މ. ރަތްމަންދޫ، އަދި ބ.ކިހާދޫ އެވެ. މިރަށްތަކުގައި އިންތިޚާބު އޮންނާނީ ވޯޓު އެއްވަރުވި ކެންޑިޑޭޓުންގެ މެދުގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ގެންދަނީ ރޯދަ މަހުގެ ތެރޭގައި މި ރަށްތަކުގައި ވޯޓުލުމަށް މަސައްކަތް ކުރަމުންނެވެ.

އަންނަ މަހުގެ މެދުތެރޭގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އިންތިޚާބުވި ކައުންސިލަރުން ހުވައިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލްޖީއޭ އިން ވަނީ ނިންމައިފައެވެ.

ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައި މުޅި ރާއްޖޭގައި އިންތިޚާބު ބާއްވާފައިވާއިރު މިއިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާފައިވާ އެންމެ ބޮޑު އަދި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި އިންތިޚާބެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.