އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީއާއި ވެސްޓް ބްރޮމް ބައްދަލު ކުރި މެޗު، ލެސްޓާއިން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ތިން ވަނާގައި ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ. ޕޮއިންޓް ތާވަލުގެ ގަދަ ހަތަރު ޓީމަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގަ ލިބިގެންދާއިރު މި މޮޅާއިއެކު އެ ޓީމަށް ވަނީ އުންމީދު އާވެގެން ގޮސްފައެވެ.
ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއިންނެވެ.
މި މޮޅާއިއެކު ލެސްޓާ ޕޮއިންޓް ތާވަލުގެ ތިންވަނާގައި އޮތީ އެ ޓީމް ކުޅުނު 32 މެޗުން ލިބުނު 59 ޕޮއިންޓާއި އެކުގައެވެ. ލެސްޓާގެ ފަހަތުން ލެސްޓާއަށް ވުރެ ހަތަރު ޕޮއިންޓް މަދުން ލިބިގެން ހަތަރު ވަނާގައި މިވަގުތު އޮތީ ޗެލްސީއެވެ. ޗެލްސީއަށް ލިބިފައިވަނީ 32 މެޗުން 55 ޕޮއިންޓެވެ. އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީން ލީގު ހޯދުމާއި ދާދި ކައިރިއަށް ޖެހިލާފައިވާއިރު އެ ޓީމަށް ލިބިފައިވަނީ 33 މެޗުން 77 ޕޮއިންޓެވެ. ދެވަނާގައި އޮތީ 32 މެޗުން ލިބުނު 66 ޕޮއިންޓާއިއެކު މެންޗެސްޓާ ޔުނައިޓެޑެވެ.
ލެސްޓާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ 13 މިނެޓުގެ ތެރޭގައި 3 ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ވާޑީ ކާމިޔާބު ކޮށްދިންއިރު އޭގެ ތިން މިނެޓުފަހުން ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އިވަންސްއެވެ. މެޗުގައި ލެސްޓާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު 36 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އިނާޗޯއެވެ. މި މެޗުގައި ވެސްޓްބްރޮމްއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ލިބިފައެވެ. މިގޮތިން އެ ޓީމްގެ ފޯވާޑް މެތިއުސް ޕެރޭރާ އަށް ލިބުނު ފުރުޞަތު ފާހަގަ ކޮށްލެވެއެވެ.
މި މެޗުން ބަލިވި ވެސްޓްބްރޮމް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 19 ވަނާގައެވެ. އެ ޓީމް ރެލިގޭޝަން ޒޯންގައި އޮތްއިރު އެ ޓީމަށް ލިބިފައިވަނީ ކުޅުނު 32 މެޗުން 24 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!