މާލޭގެ މަގުތަކަކީ އަމާން މަގުތަކަށް ހެދުމަށް، ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރުމަކީ ސިޓީ ކައުންސިލުން އިސްކަންދޭ ކަމަކަށް ހައްދަވާނެ ކަމަށް މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުޢިއްޒު މިހެން ވިދާޅުވެފައި މިވަނީ، މާލޭ މަގުމަތިން ހިނގާފައި ދިޔަ އަންހެނަކު ކިޑްނެޕްކޮށް، ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެފައިވަނިކޮށް ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

ޑރ. މުޢިއްޒު ވިދާޅުވީ، މާލޭގެ މަގުމައްޗަކީ އަމާން މަގުތަކަކަށް ހެދުމަށް ވަރަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރެއްވުމަކީ ސިޓީ ކައުންސިލް އިސްކަންދޭނެ ކަމެއްކަމުގައި ހައްދަވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒުގެ ކެމްޕޭން ދުވަސްވަރުވެސް ވަނީ މާލޭ ސިޓީގެ މަގުތަކަކީ ހިތްފަސޭހަ އަމާން މަގުތަކަކަށް ހަދަންޖެހޭކަމަށާއި، އެއީ އެންމެ ބޮޑު އެއް އަމާޒުކަމަށް ވިދާޅުވެފަ އެވެ.

ގުރޭޓަރ މާލޭގެ ރައްޔިތުން ނިކުމެ ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމަށް ހޮވާފައިވަނީ ވޯޓުލީ މީހުންގެ 61.79 ޕަސެންޓްގެ ވޯޓުންނެވެ.