ގްރީސްގައި ސީޕްލޭންގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.
އެ ގައުމުގައި މި ހިދުމަތް ފަށާނީ ހޫނު މޫސުމާ ދިމާކޮށެވެ. މި ހިދުމަތާއެކު އެ ގައުމު ޔޫރަޕުގެ "ރާއްޖެ"އަށް ވެގެންދާނެ ކަމަށް އެ ގައުމުގައި ސީޕްލޭންގެ ހިދުމަތް ދޭ ހެލެނިކް ސީޕްލޭންސް ގެ ސީއީއޯ ނިކޮލަސް ޗަރަލަމްބަސް ވިދާޅުވިއެވެ.
މި ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ހެލެނިކް ސީޕްލޭންސް އިން ވނީ އެ ގައުމުގެ ޓްރާންސްޕޯޓު މިނިސްޓަރާ ބައްދަލު ކުރައްވައި ފްލައިޓުގެ ޝެޑިއުލްއާއި ރިޒަވޭޝަނާ ގުޅޭ މައުލޫމާތު ހިއްސާ ކޮށްފައެވެ. މި މައުލޫމާތު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމު ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ގްރީސްގެ ރަށްތައް ސީޕްލޭނުން ގުޅާލުމުގެ މަސައްކަތް ފަށަން ނިންމާފައި މިވަނީ 15 އަހަރުގެ ދިގު މުއްދަތަކަށް ފަހުއެވެ. މި ހިދުމަތް ދިނުމަށް ގްރީސްގެ ކޯރެއްގެ އައްސޭރީގައި ސީޕްލޭން ޓާމިނަލްތަކެއް ވެސް ހަދާނެއެވެ.
ހެލެނިކް އިން ހިދުމަތް ފަށަން ތައްޔާރުވެފައިވާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު އެހެން ސީޕްލޭން ކުންފުންޏަކުންވެސް އެ ގައުމުގައި ދަތުރުތައް ފަށަން ވަނީ ނިންމައިފައެވެ.
ގްރީސް އަކީ ރާއްޖެ ފަދައިން ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެހެންކަމުން ސީޕްލޭންގެ ހިދުމަތުގެ ސަބަބުން އެ ގައުމުގެ ރިސޯޓުތަކަށް ފައިދާވެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާ ވާނެ ކަމަށް އެ ގައުމުން ދެކެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!