މިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލުުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރިން ހާމަކޮށްފައި ވީނަމަވެސް، އެކަމަށް ހުއްދަ ނުދޭން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން އެކަން ހާމަކޮށްފައި ވަނީ މިމައްސަލައިގައި އިއްޔެ ނެރުނު ނޫސްބަޔާނެއްގަ އެވެ.

Ad
rt

ރާއްޖޭގައި މިހާތަނަށް 11 އަހަރުވެފައިވާ މިޔަރުގެ މަސްވެރިކަން ކުރުން މަނާކޮށްފައި އޮތް އޮތުން އުވާލާ، މިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރެވެމުންދާކަން 23 މާރޗް 2021 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިކޮނޮމިކްސް އެފެއަރސް ކޮމިޓީގައި ފިޝަރީޒް މިނިސްޓްރީއާއި ކުރިމަތިކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަޙީދު ވިދާޅުވެފައި ވާތީ، ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ނުގެނެސް، އެ ނިންމުން ދެމެހެއްޓުމަށް ގޮވާލައި، އެކަމާ ގުޅިގެން ކަންބޮޑުވާ 112 ފަރާތެއް ގުޅިގެން، ވަނީ ގުޅިފައިވާ ނޫސްބަޔާނެއް ވެސް ނެރެފައެވެ.

މީގެއިތުރުން ރާއްޖޭގައި މިޔަރު މަސްވެރިކަމަށް ހުޅުވާލާތީ މިޔަރުގެ ހިމާޔަތުގައި މަސައްކަތްކުރާ އިންޓަރނޭޝަނަލް ޖަމިއްޔާއެއް ކަމުގައިވާ "ޝާކް ޕްރޮޖެކްޓް" އިން ކަންބޮޑުވުން ފާޅުކޮށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފަ އެވެ.

މިކަންބޮޑުވުންތައް ފާޅުކޮށްފައި ވަނިކޮށް ފިޝަރީޒް މިނިސްޓްރީން ނެރިފައިވާ ބަޔާނުގައި ބުނެފަ ވަނީ މިނިސްޓަރުގެ ވާހަކަ އަމާޒުވީ ލޭނު އަޅައިގެން ލޯބޮޑު ކަންނެލި ބޭނުން އަލުން ފެށުމަށް ކުރެވުނު މަޝްވަރާތަކެއްގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގައި މިޔަރުގެ މަސްވެރިކަމަށް އެއްވެސް ވަރަކަށް ހުއްދަ ދިނުމަށް މިނިސްޓްރީގެ ވިސްނުމެއް ނެތް ކަމަށް އެބަޔާނުގައި ބުނެފަަ ވެއެވެ.

އެ ނޫސްބަޔާނުގައި ބުނީ މަސްވެރިންގެ ޝަކުވާތަކާ ގުޅިގެން މިޔަރުގެ އާބާދީއާ ގުޅޭ ދިރާސާއެއް ރާއްޖޭގެ މެރިން ރިސާޗް ސެންޓަރާ ގުޅިގެން ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް މިޔަރު ހިމާޔަތްކުރި ތާރީހުން ފެށިގެން މިހާތަނަށްވެސް އޭގެ އާބާދީ އިތުރުވެފައިވާ ކަން ފާހަގަވެފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ފާއިތުވި އަހަރުތަކުގެތެރޭގައި ރާއްޖޭގައި ކުރެވޭ އެހެން ބާވަތުގެ މަސްވެރިކަމަށް މިޔަރުގެ ސަބަބުން ވަރަށް ބޮޑަށް އަސަރު ކުރަމުންދާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފަ ވެއެވެ.