ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި، ރާއްޖެއަށް މިއަހަރު ވެސް ހަތް ދަރަޖައިގެ ކުރިއެރުމެއް ހޯދައި، ނޫސްވެރިކަމުގެ މިނިވަންކަމުން ރާއްޖެއިން ހޯދަމުން އަންނަ ކާމިޔާބީއަށް ފިންލޭންޑުން މަރުހަބާ ކިޔައިފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ، އާރުއެސްއެފްއިން އިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި، ރާއްޖެއަށް މިއަހަރު ވެސް 7ދަރަޖައިގެ ކުރިއެރުމެއް ހޯދުމުން އެކަން ފާހަގަކުރަށްވާ ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބުދުﷲ ޝާހިދު ވަނީ ޓްވީޓެއް ކުރަށްވާފަ އެވެ.

Ad
rt

ފިންލޭންޑުން ރައްޖެެއަށް ކަނޑައަޅުއްވަފައިވަ ސަފީރު ހަރޯ ކަމަރައިނެން މިނިސްޓަރު ޝާހިދުގެ އެ ޓްވީޓު ރީޓުވީޓު ކުރައްވައި، ރާއްޖެއަށް ވަނީ މަރުޙަބާ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، ރާއްޖެެއިން ނޫސްވެެރިކަމުގެ މިނިވަންކަން ހޯދުމަށް ހަމައެކަނި އަޅަނީ ފިޔަވަޅު ނޫން ކަމަށާއި، މި ރޮނގުން ރާއްޖެއިން އަންނަނީ ގިނަގުނަ ކާމިޔާބީތަކެއްވެސް ހޯދަމުން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ތެރޭގައި އެ ލިސްޓުން ރާއްޖެ 17 ދަރަޖަ ފަހަތަށް ސޮއްސާލާފައިވާއިރު، މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމަށްފަހު ނޫސްވެރިކަމުގެ މިނިވަންކަން ކަނޑައަޅާ ލިސްޓުން ރާއްޖެއަށް ކުރިއެރުން ލިބުނު ދެވަނަ އަހަރެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ބައިނަލް އަޤްވާމީ ފެންވަރުގައި ވަކާލާތުކުރާ ރިޕޯޓަރސް ވިތްއައުޓް ބޯޑަރސްއިން ފާހަގަކޮށްފައިވާ ގޮތުން 2013ވަނަ އަހަރު ޕްރެސް ފްރީޑަމް އިންޑެކްސްގެ 103 ވަނާގައި ރާއްޖެ އޮތުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަސްއަހަރުގެ ދައުރުގައި 17 ދަރަޖަ ފަހަތަށްގޮސް، ޕްރެސް ފްރީޑަމް ލިސްޓުގެ 120 ވަނައަށް ރާއްޖެ ވެއްޓިފައި ވެއެވެ.

މި އިންޑެކްސްގެ އެންމެ ކުރީގައި އުޅެނީ ނޯވޭ، ފިންލޭންޑް އަދި ސްވިޑަން އެވެ. އެންމެ ފުލުގައި ޗައިނާ އަދި ނޯތު ކޮރެއާ ހިމެނެ އެވެ.