ދިވެހިންގެތެރެއިން ބައެއް ފަރާތްތަކުގެ ކިބައިގައި ހަރުލާފައިވާ ވަރަށް ނުބައި އާދައެކެވެ. ވަރަށް ނޭދެވޭ ސިފައެކެވެ. ހެޔޮކަމުގެ މައްސަރެއް އަހަރެމެންނާ ކުރިމަތިވެ އަޅުކަމުގެ މޫސުމެއް އައިސް ވެށީގެ ތެރެއަށް ފެތުރިގަތް އިރުވެސް އޭގެ ބޭނުން ހިފަން ނޭނގޭ ކަހަލައެވެ. ކޮން ކަމެއްތޯއެވެ؟
ރަމަޟާން މަހުގެ ދުވާލުގެ ގިނަ ވަގުތު ތަކުގައި ނިދާފައި ތިބުމަށްފަހު ރޭގަނޑު ބޭކާރު ކަންކަމުގައި ހޭލާ ހުރުމެވެ. އަދި ގިނަފަރަށް ވާގޮތަކީ ރައްޓެހިންނާއެކީ "ރަމަޟާން ކަޕް" ވީޑިއޯ-ގޭމް މުބާރާތްތަކާއި އެހެނިގެންވެސް ކުޅިވަރާއި މަޖަލުގައި ވަގުތު ހޭދަ ކުރުމަށްފަހު ރޭގަނޑުގެ ފަހު ތިންބައިކޮށްފަ އެއްބަޔަށްވީމައި ނުވަތަ ފަތިން ނަމާދަށް ބަންގި ގޮވަން ގާތްވީމާ، ގޮސް އެނދަށް އަރައި ނިދާލަނީއެވެ. މިފަދައިން ކަންތައް ކުރެވޭނަމަ އެއީ ކޮންފަދަ ބޮޑު އަބާއްޖަވެރިއެއް ހެއްޔެވެ.
ތިބާއަކީ މިފަދައިން ކަންކުރާ މީހެއް ނަމަ، ވީހާވެސް އަވަހަކަށް ނަފްސު އިސްލާޙު ކުރަން މަސައްކަތް ފަށަންވީއެވެ. އަދި އާއިލާ ނުވަތަ ރަހުމަތްތެރިންގެ ތެރޭގައި އެފަދައިން އުޅޭ ބަޔަކު ވާނަމަ، އެބަޔަކަށް ނަސޭޙަތްދޭށެވެ. އަހަރެމެން އެންމެ މާތް އުންމަތަށްވީ ސަބަބު ބަޔާން ކުރައްވައި ﷲ ވަޙީ ކުރެއްވިއެވެ. كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ ۗ
މާނަ: "މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ."
ފުރަތަމަ ހަނދާން ބަހައްޓަންވީ ކަމަކީ މިއަހަރުގެ ރަމަޟާން މަހާ ހަމައަށް ﷲވަނީ ތިބާ ދުނިޔޭގައި ލަހައްޓަވާފައެވެ. ރަމަޟާން މަސް ނުލާހިކު ގާތް ވެފައިވަނިކޮށް އެތައް ބަޔަކު މިދުނިޔެއާ ވަނީ އަލްވަދާޢު ކިޔާފައެވެ. މިމާތް މަހާ ބައްދަލު ވުމުގެ ނަސީބެއް އެފަރާތްތަކަކަށް ނުލިބުނެވެ. ނަމަވެސް ﷲ ވަނީ މިއަހަރުގެ ރަމަޟާން މަހާ ބައްދަލުކުރާނެ މުސްލިމުންގެ ތެރޭގައި ތިބާ ޚިޔާރު ކުރައްވާފައެވެ. ދެން މިމަހުގެ ފުރަތަމަ ރޭގައި އެއިލާހުވަނީ އެއިލާހަށް އަޅުކަން ކުރަން އެދޭ، ހެޔޮ ޢަމަލު ކުރަން އެދޭފަރާތަކަށް ކުރުރިމަތިވެދާނެ އެތައް ހުރަސްތަކެއް ދުރުކުރައްވާފައެވެ. އަދި ހެޔޮކަންކަން ކުރުމަށް މީސްތަކުން ނަށް އެތައް ގޮތަކަށް ހިތްވަރު ދެއްވާފައެވެ. އޭގެ ތަފްސީލު މިލިޔުމުގައި ވާނެއެވެ.
އެހެންކަމުން މިލިބުނު ނަސީބުގައި ހިފައި، އަޅުކަން ކުރުމުގައި ހީވާގި ވެލާށެވެ. ތިޔަ "ޖޮއީ ސްޓިކާއި" ސްކުރީނާ ދުރުވާށެވެ. ރަމަޟާން މަހުގެ ދުވާލުގެ ވަޤުތުތަކުގައި ތިބާ ހަމައެކަނި ނުކައި ނުބޮއި ހުރުމަކަށް މާތް ﷲ ޙާޖަތް ޖެހިވަޑައެއް ނުގަންނަވައެވެ. ކެއިންބުއިމުން ދުރުވެ ހުރިނަމަވެސް ދުވާލުގެ ގިނަވަގުތު ނިދާފައި ނުވަތަ އަޅުކަންތަކާއި ހެޔޮޢަމަލުތަކާ ދުރުގައި އުޅޭނަމަ، އެއަނިޔާވެވެނީ ތިމާގެ އަމިއްލަ ނަފްސަށެވެ. އެހެންކަމުން، ކީރިތި ޤުރްއާން ކިޔެވުމާއި އެހެނިހެން ވެސް ހެޔޮ ޢަމަލުތައް ކުރުމުގައި ވަގުތު ހޭދަކުރާށެވެ.
ހަމައެއާއެކު، މިއަޅުކަމުގެ ބަހާރު މޫސުމުގެ މާމެލާމެލީގެ ފޮނިކަން ލިބެދިނިވި ވަޤުތު ކަމުގައިވާ ރޭގަނޑުގެ ވަޤުތުތައް އިޙުޔާކޮށް، އަޅުކަމުގައި ހޭދަކުރާށެވެ. ތަރާވީސް ނަމާދުން އަވަދިވެގެން ގެއަށް އައިސް، ބޮޑު ކެއުމެއް ކެއުމުގެ ބަދަލުގައި ލުއި ގޮތެއް ހަދާފައި އަވަހަށް ނިދާލާށެވެ. ނިދުމުގެ ކުރިން ދަންވަރު އަޅުކަމަށް ހޭލުމަށްޓަކާ ފޯނު ނުވަތަ އެލާމް ގަޑި އެލާމަށް ލާފައި ބަހައްޓާށެވެ. އަދި ދަންވަރު ތެދުވެ އަޅުކަމަށް ހުސްވެގަންނާށެވެ. ނަމާދު ކުރުމާއި، ޤުރްއާން ކިޔެވުމާއި، ދުޢާ ކުރުން ފަދަ އަޅުކަންތަކުގައި މަޝްޣޫލުވެގަންނާށެވެ.
ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބަޔަކީ އެވަޤުތެއްގައި ﷲ ތަޢާލާ މިދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގަންނަވާ ވަޤުތެވެކެވެ. މިވަޤުތުކޮޅު ބޭކާރު ކަންތަކުގައި އުޅޭނީ ކޮންފަދަ ބޮޑު މޮޔައެއް ހެއްޔެވެ؟ އެހެންކަމުން ވީވަރަކުން އިޚްލާސްތެރިކަމާއެކު ﷲއަށް ދުޢާކޮށް އަޅުކަން ކުރުމުގައި ހީވާގިވެލާށެވެ. އަދި ފަތިސް ނަމާދުގަޑި ކައިރި ވުމުން ހާރު ކާން ހަނދާންކުރާށެވެ. ހަމަކަށަވަރުން އެއީ ބަރަކާތްތެރި ކެއުމެކެވެ. ހަމައެކަނި ފެންތައްޓެއް ބޮއެގެން ނަމަވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް، ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ މިގަދަވެގެންވާ ސުންނަތް ދޫކޮށް ނުލާށެވެ. ހާރުކެއުމުގެ މާތްކަން ބަޔާންވެގެންވާ ހަދީޘެއްގައި ވެއެވެ. "السَّحُورُ أَكْلُهُ بَرَكَةٌ فَلاَ تَدَعُوهُ، وَلَوْ أَنْ يَجْرَعَ أَحَدُكُمْ جُرْعَةً مِنْ مَاءٍ، فَإِنَّ اللهَ وَمَلاَئِكَتَهُ يُصَلُّون عَلَى الْمُتَسَحِّرِين" (رواه أحمد، وحسنه الألباني)
މާނަ: "ހާރަކީ ބަރަކާތް ލިބިގެންވާ ކެއުމެކެވެ. އެހެންކަމުން އެކަން ދޫކޮށް ނުލާށެވެ. އެއީ ހަމައެކަނި ފެން ކޯވަރެއް ބޯލުން ކަމުގައި ވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ ރަޙުމަތް ހާރުކާ މީހުންގެ މައްޗަށް ހުއްޓެވެ. އަދި އެއިލާހުގެ މަލާއިކަތުންވެސް އެބައިމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރެއެވެ."
ދެން އެއަށްފަހު މިސްކިތަށް ގޮސް ޖަމާޢާތުގައި ފަތިސް ނަމާދުކޮށްލާށެވެ. މިމަގުން ރަމަޟާން މަހުގެ ދުވަސްތައް ވެއަތުކުރާނަމަ އިން ޝާއަ ﷲ ކަންކަން ރަނގަޅުވަމުން އަންނަކަށް ތިބާ އަށް އިހުސާސްވާނެއެވެ. އަދި ﷲ ތިބާގެ ފާފަތައް ފުއްސަވައިދެއްވައި، ސުވަރުގެވަންތަވެރިއެއްކަމުގައި ތިބާ ލައްވަވާފާނެއެވެ. ﷲ، އަޅަމެން އެންމެނަށްވެސް ސުވަރުގޭގެ ދާއިމީ ނިޢުމަތްތައް ދެއްވައި ނަރަކައިގެ ޢަޒާމުން ސަލާމަތްކުރައްވާށިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!