މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ނ. ހޮޅުދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެތީގެ މި އޮޕަރޭޝަނަކީ މި އެޕްރީލް މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށާއި މިއީ މާލެއިން އެރަށަށް ދިޔަ ސަޕްލައި ދޯންޏަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވި އެވެ. އަދި އޭނާ ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މިގެ އިތުރުން ފުލުހުން ވިދާޅުވީ މާމިގިލީގައިވެސް މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައިފި ވާކަމަށެވެ.
އަދި އެއީ މާލެއިން އެ ރަށަށް ދިޔަ ފެރީއަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި މާމިގިލީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮަޕަރޭޝަނުގައި 25 އަހަރުގެ މީހަކާއި 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވީ އެވެ. މި 2 މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އެޕްރީލް މަހުގެ 19 ވަނަ ދުވަހު އެރަށު ބަނދަރުމަތިން އެ 2 މީހުން ހުއްޓުވައި އެ މީހުން ގެންގުޅުނު ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 77 ރަބަރު ޕެކެޓާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނުމުން ކަމަށް ފުލުހުން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!