ޓޮޓެންހަމް ހޮޓްސްޕާރގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށްފިއެވެ. މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކޮށްފައިވާކަން އެ ޓީމުން އިއުލާން ކޮށްފައިވަނީ ހޯމަ ދުވަހުއެވެ.
މޮރީނިއޯ ޓޮޓެންހަމްގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހު، އޭރު އެ ޓީމްގެ ކޯޗުގެ ގޮތުގައި ހުރި މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރުމަށް ފަހުއެވެ. ސީޒަންގެ މެދުތެރެއިން ޓޮޓެންހަމްއާއި ހަވާލުވި ނަމަވެސް އެ ސީޒަންގައި މޮރީނިއޯވަނީ އެ ޓީމާއިއެކު ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. މިގޮތުން މޮރީނިއޯ ހަވާލުވިއިރު ލީގުގެ 14 ވަނާގައި އޮތް ޓޮޓެންހަމް ހަވަނައަށް ގެންގޮސް ޔޫރަޕާ ލީގަށް ވަނީ ކޮލިފައި ކޮށްދީފައެވެ.
މި ސީޒަންގައި މޮރީނިއޯގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް ނެރެމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. މިވަގުތު އެ ޓީމް އޮތީ ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ ހަތްވަނާގައެވެ. އެ ޓީމު އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުން ހޯދިފައިވަނީ ދެ ޕޮއިންޓެވެ. އަދި ޓޮޓެންހަމް ވަނީ މިދިޔަ މާޗު މަހު ޔޫރަޕާ ލީގުން ވެސް ކަޓާފައެވެ. މޮރީނިއޯ އެންމެ ފަހުން ޓޮޓެންހަމްއަށް އިރުޝާދު ދީފައިވަނީ މިދިޔަ އާދީއްތަ ދުވަހު އެ ޓީމް ޕްރިމިއާ ލީގުގައި އެވަޓަންއާއި ބައްދަލުކުރި މެޗުގައެވެ. އެ މެޗު ނިމިގެން ގޮސްފައިވަނީ 2-2 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.
ޓޮޓެންހަމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފައިވާއިރު، އެ ޓީމް މިމަހުގެ 25 ވަނަ ދުވަހު ކަރަބޯ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީއާއި ބައްދަލުކުރާނެއެވެ. މި މެޗުގެ އިތުރުން މި ސީޒަންގެ ދެން ބާކީ އޮތްބައިގައި ޓޮޓެންހަމްއަށް ކޯޗު ކޮށްދޭނީ އެ ޓީމުގެ ކުރީގެ މިޑްފީލްޑަރ ރަޔާން މޭސަންއެވެ. މޭސަން މިވަގުތު މަސައްކަތް ކުރަމުން އަންނަނީ އެ ކުލަބްގެ އެކަޑަމީގައެވެ. ހޯމަ ދުވަހުން ފެށިގެން ޓޮޓެންހަމްގެ ފަރިތަކުރުންތައް ކުރިއަށް ދާނީ މޭސަންގެ އިރުޝާދުގެ ދަށުންނެވެ.
މޮރީނިއޯގެ އިތުރުން އޭނާގެ ކޯޗިން ސްޓާފުން ވެސް ވަނީ މަޤާމުތަކުން ވަކިކޮށްފައެވެ. މޮރީނިއޯ ވަނީ މީގެކުރިން ޔޫރަޕްގެ ބޮޑެތި ބައެއް ކުލަބު ތަކަށް ކޯޗުކޮށްދީ ރަނގަޅު ނަތީޖާތަކެއް ވެސް ނެރެފައެވެ. މޮރޯނިއޯ ކޯޗު ކޮށްދީފައިވާ ޓީމްތަކުގެ ތެރޭގައި، މެންޗެސްޓާ ޔުނައިޓެޑް، އިންޓަ މިލާން، ޗެލްސީގެ އިތުރުން ރެއާލް މެޑްރިޑް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!