ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ ކޮވިޝީލްޑް ދެވަނަ ޑޯޒް މިއަދު ސްރީ ލަންކާގައި ޖަހަން ފަށަން ނިންމައިފިއެވެ.

އެކަން ހާމަކުރަށްވމުން ލަންކާގެ އެޕިޑިމިއޮލޮޖީ ޔުނިޓްގެ ވެރިޔާ ޑރ. ސުދާތު ސަމަރަވީރާ ލަންކާ ނޫސްތަކަށް ވިދާޅުވެފަ ވަނީ އެގައުމުގައި މިހާތަނަށް 923،242 ކޮވިޝީލްޑް ޑޯޒް ދެވިފައިވާ ކަމަށެވެ. އަދި 355،000 ޑޯޒް ވެކްސިން ބާކީ ހުރިކަމަށް ވެސް އޭނާ ވިދާޅުވެފަ ވެއެވެ.

Ad
rt

ކޯވެކްސް ފެސިލިޓީން ލިބުނު ޑޯޒްތައް ހިމެނޭހެން ލަންކާއަށް 1.2 މިލިއަން ކޯވިޝީލްޑް ޑޯޒް ލިބިފައިވާ ކަމަށް އެ ޤައުމުން ވަނީ ބުނެފަ އެވެ.

އެ ޤައުމަށް ވަނީ ޗައިނާގެ ސައިނޯފާމް ވެކްސިން ވެސް ލިބިފައެވެ. ނަމަވެސް އެވެކްސިން އެ ގައުމުގެ ރައްޔިތުންނަށް ޖަހާނެ އުސޫލެއް އަދި އެ ގައުމުގެ ހެލްތު މިނިސްޓްރީން ކަނޑައަޅާފައެއް ނުވެއެވެ. އެކަމު އެ ޤައުމުގެ މަސައްކަތްކުރާ ޗައިނާ މީހުނަށް އެ ވެކްސިން ދަނީ ދެމުންނެވެ.

ލަންކާގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނަށް ކޮވިޝީލްޑް ދެވަނަ ޑޯޒް ދީފައެވެ. އެ ޤައުމުގެ އާންމުންނަށް ހުޅުވާލައިގެން ދެވަނަ ޑޯޒް ދޭން ފަށާ ދުވަހަކީ މިމަހު 23 ކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެ އެވެ.

ލަންކާގެ96 ހާހަށްވުރެ ގިނަ މީހުންނަށް މިހާތަނަށް ވަނީ ކޯވިޑް ބަލި ޖެހިފައެވެ. އެ ބަލީގައި618 މީހަކު އެ ޤައުމުން މަރުވެފައިވާއިރު،93 ހާހަށްވުރެ ގިނަ މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެސް ވެފަ އެވެ.

ދުނިޔެއިން 142,057,346 މީހަކަށް ވަނީ މިހާތަނަށް މިބަލި ޖެހިފައެވެ.