އެތައް ބަޔެއްގެ ބުރަ މަަސައްކަތުން ރައީސް ޔާމީންއަށް ވެރިކަން ލިބުމުން ވިސްނުން އިސްކޮށް، މީހުނާއި ގުޅިގެން، ކޮރަޕްޝަނަށް މަގުފަހި ނުކޮށް ރައްޔިތުންގެ ތާއީދު ނުގެއްލޭ ދަރަޖައެއްގައި ކަންތައް ބެހެއްޓެވި ނަމަ މިދުވަސް ނައީސް ކަމަށް ހީފުޅުވާކަމަށް އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު އީއެންޓީ ޑަކްޓަރު، ޑރ. މައުރޫފް ޙުސައިން ވިދާޅުވެއްޖެ އެވެ.

ޑރ. މައުރޫފް މިގޮތަށް ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަކަށް ފުރޮޅާލުމަށް އެދި މަޖިލިސް ރައީސް މުޙައްމަދު ނަޝީދު، ރައީސުލްޖުމްޙޫރިއްޔާ މުޙައްމަދު ނަޝީދަށް ފޮނުއްވިކަމަށް ބުނާ މެސެޖަކާއި ގުޅިގެން އެކަމުގެ ބަހުސް ވަރަށް ގަދަވެފައި ވަނިކޮށް، ސެއިޚް ޝަފީޢު ޢަބުދުﷲ ކުރެއްވި ޓްވީޓެއް ހިމަނުއްވައި، ކުރެއްވި ޓްވީޓެއްގަ އެވެ.

Ad
rt

ސެއިޚް ޝަފީޢު ޢަބުދުﷲގެ ޓްވީޓްގައި ވަނީ، ރާއްޖޭގެ މިހާލަތާމެދު ކަންބޮޑުވެ، ހިތާމަ ކުރަށްވާ ކަމަށް ވިދާޅުވެ، މާތް ﷲއާއި ވަކީލު ކުރަށްވާފަ އެވެ.

"‏ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ! އަޅުގަނޑުމެން ގެނެސް ވައްޓައިލައިގެން މި އުޅޭ އަނދަވަޅެއްގެ ބޮޑުކަމާއި ފުންކަމާއި އަނދިރިކަމާއެވެ!
މާތް ﷲ އާ ވަކީލެވެ." ސެއިޚް ޝަފީޢު ޢަބުދުﷲ ވިދާޅުވެފަ ވެއެވެ.

އެ ޓްވީޓް ހިމަނުއްވައި ޑރ. މައުރޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ވެރިކަން ލިބުމުން ޔާމީން އެގޮތަށް ކަންތައް ނުކުރިނަމަ މިދުވަސް ނައީސްކަމަށް ހީފުޅުވާކަމަށެވެ.

"އަޚާއެވެ! الله ގެ އިރާދަ ފުޅާއި އަހަރެމެން އެންމެންގެ ބުރަ މަސައްކަތުން ރައީސް ޔާމީނަށް ވެރިކަން ލިބުމުން، ވިސްނުން އިސްކޮށް، މީހުނާއި ގުޅިގެން، ކޮރަޕްޝަނަށް މަގުފަހި ނުކޮށް ރައްޔިތުންގެ ތާއީދު ނުގެއްލޭ ދަރަޖައެއްގައި ކަންތައް ބެހެއްޓެވި ނަމަ މިދުވަސް ނައީސް ކަން ނޭނގެއެވެ." ޑރ. މައުރޫފް ވިދާޅުވެފަ ވެއެވެ.

ޑރ. މައުރޫފް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ‏ވެރި މީހާ ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓުން ކަށެވެ.

"‏ވެރި މީހާ ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓުން ކަމާއި، 80 ވަރަކަށް "ގަނެވިއްކޭ" މެމްބަރުން ކޮޅަކަށް ހުތްދީގެން، ގަނެލައި ނުވަތަ ހައްލާލައިގެން ވެރިކަމަށް ނާދެވޭނެ ކަމާއި، ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއްކަން އެއީ ރައްޔިތުންގެ ރިފަރެންޑަމް އަކުން މާކުރިން ނިންމާފައި ވާ ކަމެކެވެ." ޑރ. މައުރޫފް ވިދާޅުވެފަ ވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފަ ވަނީ، ‏ފައިސާއާއި ޕާޓީ ޢަސަބިއްޔަތާއި އެހެނިހެން ނުފޫޒުގައި މަޖިލީހަށް ހޮވާފައިތިބޭ ދަމާ ކަނޑާ މެމްބަރުންކޮޅަކަށް ރައްޔިތުންގެ ސީދާ އެއްވެސް ބަހެއް ނެތި، ގައުމުގެ ވެރިމީހާ ހޮވުމުގެ ބާރު ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

"‏ފައިސާއާއި ޕާޓީ ޢަސަބިއްޔަތާއި އެހެނިހެން ނުފޫޒުގައި މަޖިލީހަށް ހޮވާފައިތިބޭ ދަމާ ކަނޑާ މެމްބަރުންކޮޅަކަށް، އަހަރެމެން ރައްޔިތުންގެ ސީދާ އެއްވެސް ބަހެއް ނެތި، ގައުމުގެ ވެރިމީހާ ހޮވުމުގެ ބާރު ދޫކޮށްލައިގެން ނުވާނެއެވެ. މިއީ ދެން ނުޖެހި އޮތް މުސީބާތެވެ." ޑރ. މައުރޫފް ވިދާޅުވިއެވެ.

ގައުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި 2023 ގައި ބޮޑުވަޒީރަކަށް ވެ ވަޑައިގަތުމުގެ ޝައުގުވެރިކަން އޮތްް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު، ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް މެސެޖަކުން ދަންނަވައިފިކަމަށް ފެތުރިފައިވާ އަޑުގައި މުޅި މީސް މީޑިއާ ދަނީ ބަންޑުން ވަމުންނެވެ.

މި މެސެޖާ ބެހޭ ގޮތުން ރައީސްގެ ފަރާތްޕުޅުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.