މިމަހުގެ 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އިމީ ނަތީޖާ އަންނަ އަންގާރަ ދުވަހު އިއުލާނު ކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އަންގާރަ ދުވަހު ދާއިމީ ނަތީޖާ އިއުލާނު ކުރަަން ފެށި ނަމަވެސް އެކަން މުޅީން ނިންމާލެވޭނީ ތިން ދުވަސް ފަހުން ކަމަށެވެ.
އެ އިންތިޚާބުގެ ވަގުތީ ނަތީޖާ ޢިއުލާންކޮށް ނިއްމާލީ އިއްޔެއެވެ.
ވަގުތީ ނަތީޖާއާއެކު އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކާއި ރަށްތައް ކަނޑައެޅުމުގެ މަަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ވޯޓް އަލުން ގުނައިދިނުމަށް އެދި ހުށައަޅާފައިވާ ޝަކުވާތަކާމެދު ވަރަށް އަވަހަށް ގޮތް ނިންމާނެ ކަމަށެވެ.
ހުށައަޅާފައިވާ ޝަކުވާތަކަށް ބަލާއިރު އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިދާނެ ފަދަ ޝަކުވާތައް އެބަހުރި ކަމަށާއި، ދާއިމީ ނަތީޖާގެ ކުރީން ހުރިހާ ޝަކުވާތަކެއްވެސް ބަލާ އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރާނެކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އިންތިޚާބާއި ގުޅިގެން ކޮމްޕްލެއިންސް ބިއުރޯތަކަށްވަނީ 100 އަށްވިރެ ގިނަ ޝަކުވާ ހުށައަޅާފައެވެ. ސިޔާސީ ޕާޓީތަކުންވަނީ 21 ޝަކުވާއެއް ހުށައަޅާފައެވެ.
ކޯވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައި މުޅި ރާއްޖޭގައި އިންތިޚާބު ބާއްވާފައިވާއިރު މިއިންތިޚާބަކީ މިހާތަނަށް ރާއްޖޭގައި ބާއްވާފައިވާ އެންމެ ބޮޑު އަދި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި އިންތިޚާބެވެ. ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 3934 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރި 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރި 1670 ކެނޑިޑޭޓުންނެވެ.
އީސީން އާންމުކުރި އިންތިހާބުގެ ވަގުތީ ނަތީޖާއިން އެ އިންތިޚާބުގައި މާލެ ސިޓީން ޕީޕީއެމަށް 13 ގޮނޑި ލިބިފައި ވެއެވެ. އެމްޑީޕީއަށް ލިބިފައި ވަނީ 6 ގޮނޑި އެވެ. ޖުމްހޫރީ ޕާޓީއަށް 1 ގޮނޑި ލިބިފައި ވެއެވެ.
މީގެ އިތުރުން 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ޕީޕީއެމަށް ލިބިފައިވަނީ 7 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މަގާމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!