ކޮޕަ ޑެލް ރޭގެ ޗެމްޕިއަންކަން ބާސެލޯނާއިން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ބާސާ ހޯދާފައިވަނީ ފައިނަލުގައި އެތުލެޓިކް ބިލްބާއޯގެ މައްޗަށް 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ބާސާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ގިނަ ހަމަލާތަކެއް ވެސް އެ ޓީމުން ވަނީ ބިލްބާއޯގެ ގޯލަށް ފޮނުވާލާފައެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު ބާސާގެ ނެދަލެންޑް މިޑްފީލްޑަރ ޑި ޔޮން ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ބިލްބާއޯގެ ގޯލުގެ ދަނޑިއަށެވެ. ނަމަވެސް މި ހާފުގައި ލަނޑެއް ފެނިގެން ގޮސްފައިނުވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ބާސާ ފެނިގެންދިޔައީ ވަރަށް ވަރުގަދަ ކޮށެވެ. މި ގޮތުން އެ ޓީމުންވަނީ އެންމެ ބާރަ މިނެޓްގެ ތެރޭގައި ބިލްބާއޯ ކޮޅަށް ހަތަރު ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު ޑި ޔޮން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ގްރިޒްމަންއެވެ. ދެވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ޑި ޔޮން ކާމިޔާބު ކޮށްދިންއިރު، އަނެއް ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބާސާގެ ކެޕްޓަން ލައިނަލް މެސީއެވެ.
މިއީ ބާސާގެ މިހާރުގެ ކޯޗް ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ބާސާ ކާމިޔާބުކުރި ފުރަތަމަ ތައްޓެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައި ވަނީ ވެސް ބާސާއިންނެވެ. ބާސާއިން މި މުބާރާތް 31 ފަހަރު ވަނީ ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!