ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ކެމްޕޭން ތަގުރީރެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން އަމަލުތަކެއް ހިންގަމުންދާކަމަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގުރޫޕުން ބުނެފި އެވެ.
ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި މާފަންނުގައި ޖަގަހައެއް ހުޅުވުމަށް ބޭއްވި މަގުމަތީ ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ވަހީދު ވަނީ މީހުން މެރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާ ކޮށްފައިވާ ކަމަށާ އެއީ "ސިކު" ބައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
"އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ދީނީ ބައެއް އިލްމުވެރިންނާއި ސިޔާސީ ބައެއް މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާ ކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުން ދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.،"
އެމްޑީޕީ ޕީޖީ ގުރޫޕުގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ވަނީ، ވަހީދު ދެއްކެވި ވާހަކައެއްގެ ހަގީގަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި އަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ. އަދި އެކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި އެފަދަ މައްސަލަތައް ވަގުތުން ތަހުގީގުކޮށް، ފިޔަވަޅުއެޅުމަށް ވެސް ގޮވާލާފައި ވެއެވެ.
"މީގެ ކުރިން ވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިޔާ ޑޮކްޓަރު އަފްރާޝީމް އަލީ ވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައެވެ. ތަހުގީގުތަކުން ދައްކާގޮތުގައި ޑޮކްޓަރު އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ހަރަކާތްތަކެއްގެ ތެރެއިންނެވެ. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ވަނީ ރާއްޖޭގައި ގަތުލުކޮށްފައިވެއެވެ."
އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނަމުގައި އެޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވައްޑެގެ އެ ތަޤްރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒުކޮށްފައި ވަނީ ދީނަށް ނުވަތަ ދީނީ ޙުކުމަކަށް ނޫންކަމަށާއި އެއާޚިލާފަށް އޭނާގެ ވާހަކަ އަމާޒުކޮށްފައި ވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށެވެ. އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ ޢިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށް ބަޔާނުގައި ބުންޏެވެ.
އެކަމާ ގުޅިގެން ދީނީ ބައެއް އިލްމުވެރިންނާއި އާންމުން ގެންދަނީ ވަހީދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!