މިއަދު އަނެއްކާވެސް ރާއްޖެއިން އިތުރު މީހަކު ކޯވިޑް-19 ބަލީގައި ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ މިއަދު ހަވީރު ނިޔާވީ ޢުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެމީހާ ނިޔާވީ ޙާލުބޮޑުވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށްކަމަށް އެޗްޕީއޭއިން ވިދާޅުވެ އެވެ. އެމީހާ ނިޔާވީ މިއަދު 16:00 ހާއިރުއެވެ. މިމީހާ ހޮސްޕިތަލަށް ގެންދިޔައިރުވެސް ހަރަކާތެއް ނެތްކަމަށާ، ގެންދިޔަތާ ކުޑަ އިރުކޮޅެެއްގެތެރޭގައި ނިޔާވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.
މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 69ވަނަ މީހާއެވެ. އަދި މިއަދު މިބަލީގައި ރާއްޖެއިން ނިޔާވި ދެވަނަ މީހާއެވެ. މިއަދު ފުރަތަމަ ނިޔާވީ ޢުމުރުން 82 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށްކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ. މިމީހާ ނިޔާވީ މިއަދު ހެނދުނު 11:12 ހާއިރުއެވެ.
ރާއްޖެއިން މިހާތަނަށް ނިޔާވެފައިވާ 69 މީހުންގެ ތެރޭގައި ހިމެނެނީ 61 ދިވެހިންނާއި 8 ބިދޭސީންނެވެ.
މިދިޔަ 24 ގަޑިއިރު ތެރޭ 82 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދުވަނީ 26،021 އަށް އަރާފަ އެވެ. ދުވަސްތަކަކަށްފަހު މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކޮވިޑުގެ އަދަދުތައް އުޅެނީ 100 އިން ދަށުގައެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 118 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 23،360 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 2،584 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 53 މީހަކު އެބަ ތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!