ރާއްޖޭގެ ޓޭބަލް ޓެނިސް ގައުމީ ޗެމްޕިއަން އުމުރުން 13 އަހަރުގެ ފާތިމަތު ދީމާ އަލީ ދުނިޔޭގެ ޓޭބަލް ޓެނިސް ޔޫތު ރޭންކިންގެ ޖޫނިއާ ކެޓަގަރީން ގަދަ 10 ކުޅުންތެރިން ތެރޭގައި ހިމެނިއްޖެއެވެ.

މިގޮތުން އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އާންމުކޮށްފައިވާ ރޭންކިންގައި ދީމާ ހިމެނިފައިވަނީ ޔޫތު ބައިގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން ދުނިޔޭގެ 8 ވަނައިގަ އެވެ.

Ad
rt

މިކާމިޔާބީ ފާހަގަކޮށް ޓީޓީ އެސޯސިއޭޝަނުން ބުނީ މިއީ ރާއްޖޭގެ ޓީޓީ އަށް އަނެއްކާ ވެސް ލިބިގެންދިޔަ ތާރީހީ ކާމިޔާބެއް ކަމަށެވެ. އެ އެސޯސިޝަނުން ވަނީ މިކަމަށްޓަކައި ދީމާގެ އާއިލާ އާއި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފަށް ޝުކުރު އަދާކޮށްފަ އެވެ.

ކުޅިވަރާބެހޭ ވަޒީރު މަޙްލޫފް ވެސް ވަނީ މިކާމިޔާބީއާއި ގުޅިގެން ދީމާއަށް މަރުޙަބާ ކިޔައި ޓްވީޓެއް ކުރަށްވާފައެވެ. އެ ޓްވީޓްގައި ދީމާގެ ބެލެނިވެރިންނަށާއި، ޓީޓީ އެސޯސިއޭޝަނަށް މިނިސްޓަރު މަޙްލޫފް ވެސް ވަނީ ޝުކުރު އަދާކުރަށްވާފަ އެވެ.

ދީމާ ރޭންކިންގެ 8 ވަނަ ގައި ހިމެނުނީ 1028 ޕޮއިންޓް ހޯދައިގެންނެވެ. ދީމާ އަށް ވުރެ މަތީގައި އޮތް އިންޑިއާގެ ސުހާނާ ސައިނީ އަށް ލިބިފައިވަނީ 1032 ޕޮއިންޓެވެ. މި ބައިގެ އެއް ވަަނައިގައި އޮތީ 3144 ޕޮއިންޓާ އެކު ޖަޕާނުގެ މިވާ ހަރިމޯޓޯ އެވެ.

މިއީ ރާއްޖޭގެ ކުޅުންތެރިއަކަށް ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގެ ތެރެއިން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.