ކޯވިޑް19 އިން ރައްކާތެރިވުމަށް ޖަހަމުން އަންނަ ވެކްސިނުގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީން ވުމަކާ ނުލާ އެއްރަށުން އަނެއްރަށަށް ދަތުރުކުރެވޭނެ ގޮތަށް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިރޭ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 2 ހަފްތާ ވެފައިވާ ފަރާތްތަކަށް ކަރަންޓީން ވުމަކާ ނުލާ އަތޮޅު ތެރޭގެ ރަށްރަށަށް ދަތުރު ކުރެވޭނެ ގޮތް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.
ކޯވިޑްގެ ފުރަތަމަ ރާޅު ރާއްޖެއަށް ބިންދާލައި، ފުރަތަމަ ކޭސް ފެނުނީ މީގެ 1 އަހަރު ކުރިންނެވެ. އެއީ 2020ވަނަ އަހަރުގެ މާޗް މަހުގެ 7ވަނަ ދުވަހެވެ.
އެންމެ ފުރަތަމަ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އައި ދެ ފަތުރުވެރިއެކެވެ. އެމީހުން ޕޮޒިޓިވްވިކަން އެނގުނީވެސް އެމީހުން ޗުއްޓީ ނިންމައި ރާއްޖެ ދޫކޮށް ދިޔަފަހުން ނެގި ސާމްޕަލްތަކުންނެވެ. އެއާއެކު އެމީހުން ޗުއްޓީ ހޭދަކުރިި ރިސޯޓުގެ ޑޮކްޓަރާއި އެނޫންވެސް ބައެއް މީހުން ޕޮޒިޓިވްވިއެވެ.
ރާއްޖޭގައި 2020ވަނަ އަހަރުގެ އޭޕްރީލް 15ވަނަ ދުވަހާ ހަމައަށް ބަލި އޮތީ ރިސޯޓްތަކުގައެވެ. އެހާތަަނށް އެއްވެސް ދިވެއްސަކުވެސް ޕޮޒިޓިވްވެފައެއް ނުވެއެވެ. ނަމަވެސް އެ ޙާލަތު ނުރައްކާވެގެން ދިޔައީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 15ވަނަ ދުވަހު މާލެއިން މީހަކު ޕޮޒިޓިވްވުމުންނެވެ. އެހިސާބުން ސަރުކާރުން ނިންމެވީ ރާއްޖޭގައި މުޖުތަމަޢުގައި ބަލި ފެތުރެން ފެށިކަމެވެ. މާލެއިން ފުރަތަމަ ޕޮޒިޓިވްވީ އަންހެނަކާއި އޭނާގެ 2 އަހަރުގެ ދަރިފުޅެވެ. މިއާއެކު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް މާލެ ސަރަހައްދު ފުރަބަންދަށް ދިޔައެވެ. މިރޭ ރައީސް ކުރެއްވި ޓުވިޓުގައި ވަނީ މިކަމަށްވެސް އިޝާރާތްކުރައްވާފަ އެވެ.
ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށި ފަހުން ދެ ހަފުތާ ވެފައިވާ އިރު، ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 28،970 އަށް އަރައިފިއެވެ.
ރާއްޖޭގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖަހައިދޭން ފެށީ މިމަހުގެ ތިންވަނަ ދުވަހުއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް، 3601 މީހުން ޖަހާފައިވާ ކަމަށާއި އެއާއެކު ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 28،970 އަށް އަރާފައިވާ ކަމަށެވެ.
ކޮވިޑުން ދިފާއުވުމުގެ ގޮތުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 274،782 އަށް އަރައިފައެވެ.
މާލެ ސަރަހައްދުގައި ވެކްސިން ޖަހަންދާ މީހުން ގިނަވުމާ ގުޅިގެން ވެކްސިން ޖަހައިދޭ ވަގުތު އެޗްޕީއޭ އިން މިއަދު ވަނީ އިތުރުކޮށްފައެވެ. މީގެ ކުރިން ރޯދަ މަހު ވެކްސިން ޖަހައިދޭން ނިންމާފައި އޮތީ ރޭގަނޑު 9:00 އިން 11:00 އަށެވެ. ނަމަވެސް ވެކްސިން ޖަހަންދާ މީހުންގެ އަދަދު އިތުރުވުމުން އެޗްޕީއޭ އިން މިއަދު ވަނީ އެ ވަގުތަށް އިތުރު 45 މިނެޓް އިތުރުކޮށްފައެވެ. އެއާއެކު މިއަދުން ފެށިގެން މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭނީ ރޭގަނޑު 9:00 އިން 11:45 އަށެވެ.
އެޗްޕީއޭ އިން ބުނީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ހަ ސެންޓަރަކުން ދޭނެ ކަމަށެވެ. އެއީ ސޯޝަލް ސެންޓަރާއި ނެޝަނަލް އާޓް ގެލަރީ އާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނެހިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!