ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާ އެކު އިންޑިއާގެ އެންމެ މުއްސަނދި ސްޓޭޓް، މަހަރާޝްތުރާ ލޮކްޑައުން ކޮށްފިއެވެ.

އެ ސްޓޭޓް ލޮކްޑައުން ކުރީ އަންގާރަ ދުވަހުގެ ހަވީރުން ފެށިގެންނެވެ. އެ ސްޓޭޓުގެ ކޭސްތައް އިތުރުވެ އޮކްސިޖަން ވެސް ހުސްވާން ވަނީ ކައިރިވެފައެވެ.

Ad
rt

ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި އެ ގައުމުގެ ކޭސްތައް އިތުރުވާން ފެށީ ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ، ދީނީ ފެސްޓިވަލްތައް ބޭއްވުމާއި ސިޔާސީ އެއްވުންތަކާއި ކްރިކެޓް މެޗުތައް ބަލަން މީހުން ވަންނަން ހުއްދަ ދިނުމުގެ ސަބަބުންނެވެ. އެގޮތުން، މިދިޔަ ހަފުތާގައި އެކަނިވެސް ގާތްގަނޑަކަށް އެއްމިލިއަން މީހުން ޕޮޒިޓިވްވިއެވެ.

މަހާރާޝްތުރާގައި އަލަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އަސާސީ ތަކެތި ވިއްކާ ފިހާރަތައް ނޫން ތަންތަނާއި މޯލްތައް ބުދަ ދުވަހުން ފެށިގެން ބަންދުކޮށް އީ-ކޮމާސްޑެލިވަރީތައް ހުއްޓާލުން ހިމެނެއެވެ. ބޮލީވުޑުގެ ފިލްތައް ޝޫޓް ކުރުމާއި ޓީވީ ޝޯތަކާއި އިސްތިހާރުތައް ނެގުން ވެސް ވަނީ ހުއްޓާލައިފައެވެ.

މީގެ އިތުރުން ބާތަކާއި ރެސްޓޯރެންޓްތައް ވަނީ މި މަހު ކުރީކޮޅު ބަންދުކޮށްފައެވެ. އަދި ފަސް މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފައެވެ.

މި ފިޔަވަޅުތަކާ އެކު މަހާރާޝްތުރާގެ 125 މިލިއަން މީހުންނަށް ބޭރަށް ދިއުމުގެ ހުއްދަ އޮންނަނީ ކާބޯތަކެތި ހޯދުމަށާއި ބޭސް ގަތުމަށެވެ. މި ފިޔަވަޅުތަކަށް އަންނަމަހުގެ އެއްވަނަ ދުވަހާ ހަމައަށް އަމަލު ކުރާނެ ކަމަށް އެ ސްޓޭޓުން ވަނީ ބުނެފައެެވެ.