ރާއްޖޭގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޑރ މައުސޫމް މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ބީބީސީ އިންޓަނޭޝަނަލްއަށް މިއަދު ދެއްވި އިންޓަވިއުއެއްގަ އެވެ.

Ad
rt

ޑރ. މައުސޫމް ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގޮތުގެ މިހާރުގެ ޓްރެންޑްތަކަށް ބަލާއިރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށެވެ. އަދި ކުރިން އެއް މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން އަންދާޒާކުރެވިފައި ވީނަމަވެސް މިހާރު ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ޓޫރިސްޓުން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފަ އެވެ. އެހެން ކަމުން، މިހާރުގެ އަދަދުތަކަށް ބަލާއިރު މިއަހަރުގެ ތެރޭގައި އެއް މިލިއަން ބެޑް ނައިޓްސްގެ އަމާޒަށް ވާސިލްވެވޭނެ ކަމަށް ޑރ. މައުސޫމް ވިދާޅުވި އެވެ.

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑްގެ ހާލަތުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް އަޑިއަޅާލުމަށްފަހު މިހާރު އަނެއްކާ ވެސް ރަނގަޅުވުމާއެކު ގައުމުގެ އިގްތިސާދު ރަނގަޅުވާނެ ކަމަށާއި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އޮން އެރައިވަލްގައި ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓާނެ ކަމަށްވެސް މިިނިސްޓަރ މައުސޫމް ވިދާޅުވި އެވެ.

މި އިންޓަރވިއުގައި ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ގެންގުޅޭ 3ވީ ސިޔާސަތު ކަމުގައިވާ، ވިޒިޓް ވެކްސިނޭޓް، ވެކޭޝަނާ ގުޅޭގޮތުން މިނިސްޓަރ މައުލޫމާތު ހިއްސާކުރެއްވިއެވެ.

މިހާތަނަށް ރާއްޖޭގެ އާބާދިގެ 53 އިންސައްތަ މީހުން ވެކްސިން ޖަހާފައިވާ ކަމަށާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ 90 އިންސައްތަ މުވައްޒަފުން ވެކްސިން ޖަހާފައިވާކަމަށާއި، ދިވެހިންނަށް ވެކްސިން ޖަހައިދީ ނިމުމުން ފަތުރުވެރިންނަށް ވެކްސިން ޖަހައިދިނުމަށް ބޭނުންވާ ވެކްސިން ސަޕްލައި ސިންގަޕޫރުން ހޯދުމަށް މިހާރު އޯޑަރު ދީފައިވާނެ ކަމަށެވެ. އަދި މި ވެކްސިން ސަޕްލައިން ލިބުމުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ހުންނާނެ ކަމަށާއި، ދިވެހިންނަށް ވެކްސިން ޖަހާ ނިންމޭނެ ވަރަށް ވެކްސިން ލިބޭނެކަމަށެވެ.

އަދި ރާއްޖޭގައި ފަތުރުވެރިކަމުގެ ހަރަކާތްތައް ފަށައިގެން މިހާރު ކުރިއަށްދާއިރު އެންމެ ބޮޑު އިސްކަމެއް ދެނީ، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުން ކަމަށް ވެސް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިފާބުތަކަށް ބަލާއިރު ޓޫރިސްޓުން އެވަރެޖްކޮށް ރާއްޖޭގައި މިއަހަރު ހޭދަކުރަނީ 8 ރެ އެވެ. މިއީ، އެހެން އަހަރުތަކާ އަޅާ ބަލާއިރު އެއް ދުވަސް އިތުރު އަދަދެކެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން ރާއްޖޭގެ 149 ރިސޯޓެއް ހުޅުވައި ޚިދުމަތް ދެމުންދެ އެވެ.