ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ޕީއެސްޖީއާއި ޗްލްސީ ދަތުރު ކޮށްފިއެވެ.

ޕީއެސްޖީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނުގެ ބަޔާން މިޔުނިކް ކަޓުވާލުމަށް ފަހުގައެވެ.

Ad
rt

ބަޔާންގެ ދަނޑުގައި މި ދެޓީމް ކުއާޓާގެ ފުރަތަމަ މެޗު ކުޅެފައިވާއިރު އެ މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޕީއެސްޖީންނެވެ. ދެވަނަ ލެގުގެ މެޗު އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅެފައިވާއިރު އެ މެޗު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން ބަޔާން މޮޅުވެގެންނެވެ. ދެ މެޗުގެ ނަތީޖާއިން ދެ ޓީމްގެ އެގްރިގޭޓް ނަތީޖާ 3-3 އެއްވަރުވީ ނަމަވެސް ޕީއެސްޖީއަށް ސެމީގެ ޖާގަ ލިބިގެން ގޮސްފައިވަނީ އަވޭ ގޯލުން ކުރި ލިބިގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތު ތަކެއް ލިބި ބޭކާރުވެފައެވެ. މިގޮތުން ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ނޭމާއަށް ލިބުން ފުރުޞަތުތައް ފާހަގަ ކޮށްލެވެއެވެ. ފުރަތަމަ ހާފުގައި ނޭމާ ފޮނުވާލި ދެ ހަމަލާއެއް ބަޔާންގެ ގޯލުގެ ދަނޑިއަށް ވެސް ވަނީ އަމާޒުވެފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ މީގެ ކުރިން ޕީއެސްޖީއަށް ކުޅުނު އެރިކް މެކްސިމް ޗޫޕޯ-މޯޓިންނެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ ޕީއެސްޖީ ބައްދަލު ކުރަން ޖެހޭނީ މެންޗެސްޓާ ސިޓީއާއި ބްރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި ދެ ޓީމް ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ސިޓީންނެވެ. މި ދެ ޓީމް ޑޯޓްމަންޑްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު ބުދަ ދުވަހުގެ ރޭ (މިރޭ) އޮންނާނެއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 0000 ގައެވެ.

ޗެލްސީ މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފައިވަނީ ޕޯޗުގަލްގެ ޗެމްޕިއަން ޕޯޓޯ ކަޓުވާލުމަށް ފަހުގައެވެ. މި ދެ ޓީމް ޕޯޓޯގެ ދަނޑުގައި ކުޅުނު ކުއާޓާގެ ފުރަތަމަ ލެގުގެ މެ 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ޗެލްސީއެވެ. ދެވަނަ ލެގުގެ މެޗު އަންގާރަ ދުވަހުގެ ރޭ ޗެލްސީގެ ދަނޑުގައި ކުޅެފައިވާއިރު 1-0 ގެ ނަތީޖާއިން މި މެޗު ކާމިޔާބު ކޮށްފައިވަނީ ޕޯޓޯއެވެ. ޗެލްސީއަށް ސެމީގެ ޖާގަ ލިބިގެން ގޮސްފައިވަނީ ދެ މެޗުގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް އިދިކޮޅު ގޯލަށް މާ ގިނަ ހަމަލާތަކެއް ވެސް ފޮނުވާލެވިފައި ނުވެއެވެ. މި މެޗުގައި ޕޯޓޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ހަތަރު މިނެޓުގެ ތެރޭގައި ކާމިޔާބު ކޮށްދީފައިވަނީ ޕޯޓޯގެ ތުރުކީ ފޯވާޑް މެހްދީ ޓަރޭމީއެވެ.

ޗެލްސީ މުބާރާތުގެ ސެމީގެ ޖާގަ ކަށަވަރު ކުރިއިރު ސެމީގައި ޗެލްސީ ބައްދަލު ކުރަން ޖެހޭނީ މިރޭ ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި ދެ ޓީމް ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 3-1 ގެ ނަތީޖައިން ކާމިޔާބު ކޮށްފައިވަނީ ރެއާލުންނެވެ.