މާދަރީބަހުން މުޢާމަލާތްކުރާން އެނގުމަކީ ބަލި މީހާއަށް ލިބޭ އިތުރު ޝިފާއެއް ކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.

ޑރ މުހައްމަދު އަލީ މިހެން ވިދާޅުވެފައިވަނީ މިއަދު މުޅި ރާއްޖޭގައި ފާހަގަކުރާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓުވީޓެއްގަ އެވެ.

Ad
rt

ޑރ މުހައްމަދު އަލީ މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ބަލިމީހާއަށް ފަސޭހަކަމާއެކު ފަހުމުވާގޮތަށް ސާފު ސީދާ ދިވެހިބަހުން މުޢާމަލާތްކުރާން އެނގުމަކީ އެ ބައްޔެއްގެ ތަފުސީލު އޮޅުންފިލުވައިދޭން ވަރަށް ވެސް މުހިއްމު ކަމެއްކަމަށެވެ.

" ރާއްޖޭގައި އެމްއެންޔޫ އިން ހިންގާ މެޑިސިން ކޯހުގައި ދިވެހިބަހުގެ މޮޑިއުލްއެއް ހިމެނިފައިވުމީ، ކުރިމަގުގެ ޑަކްޓަރުންނަށް، އެ މީހުންގެ ގާތަށް އަންނަ ބަލިމީހުންނާ މުޢާމަލާތްކުރާން ފަސޭހަވެގެންދާނެ ކަމެއް. އަޅުގަނޑުގެ ތަޖުރިބާގައި މާދަރީބަހުން މުޢާމަލާތްކުރާން އެނގުމަކީ ބަލި މީހާއަށް ލިބޭ އިތުރު ޝިފާއެއް."

ޑރ މުހައްމަދު އަލީ ވިދާޅުވެފައިވެއެވެ.

ދިވެހި ބަހަށް އިސްކަން ދިނުމުގެ ޤާނޫނެއް ފާސްކޮށް އެޤާނޫނުގެ ދަށުން ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ 14 ވަނަ ދުވަސް ފާހަގަ ކުރަމުންދާއިރު، ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ 14 އެޕްރިލް އަކީ ބަހުގެ މަޝްހޫރު އަދީބު އައްޝައިޚް ހުސައިން ސަލާހުއްދީނުގެ އުފަން ދުވަހެވެ.

"ދިވެހިބަސް ހިމާޔަތްކޮށް ރައްކާކުރާން މަތީ ތަޢުލީމުގައި ދިވެހިބަސް ކިޔަވައިދިނުމަކީ ބަހަށް ލިބޭ އިތުރު ކުރިއެރުމެއް. ދިވެހިބަހަކީ ކޮންމެ ދާއިރާއަކަށް ވެސް ފަހި މުހިންމު ބަހެއް. އެ ފަހިކަން ގެންނާން ތިބީ ހަމަ އަޅުގަނޑުމެން ދިވެހީން. މި ބަހާއެކު އަޅުގަނޑުމެން ކުރިއަށްދަމާ! ދިވެހިބަހުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން."

ޑރ މުހައްމަދު އަލީ ވިދާޅުވެފައިވެއެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރަނީ، ދިވެހި ބަހަކީ ދިވެހިރާއްޖޭގެ ރައްޔިތުން ވާހަކަދައްކާ އަދި ދިވެހިންގެ އަމިއްލަ ބަހަށްވުމާއެކު މިބަސް ރައްކާތެރިކުރުމާއި މުއްސަންދިކުރުމާއި ބަހުގެ މައްޗަށް ދިވެހި އެންމެހާ ރައްޔިތުންގެ ސަމާލުކަން އިތުރުކޮށް، ބަހާމެދު ހޭލުންތެރިކަން އިތުރުކުރުމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަސްކަމަށް ކަނޑައެޅިގެން ބަޔާންކުރެވިފައިވެއެވެ. ވުމާއެކު ދިވެހިރާއްޖޭގެ ޤައުމިއްޔަތުގެ އެންމެ ވަރުގަދަ އެއް ތަނބަކީ، ދިވެހިބަހެވެ. ދިވެހިބަސް ޙިމާޔަތްކޮށް، ރައްކާތެރިކޮށް، ދިރުވައި، ދަމަހައްޓައި ކުރިއަރުވައި، މުއްސަނދިކޮށް އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ވާޞިލްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަދި މިކަމަކީ ޤައުމުގެ އެއިރެއްގެ ޖީލެއްގެ މައްޗަށް އޮތް ޤައުމީ އަދި ފަރުދީ މަސްއޫލިއްޔަތެކެވެ.