ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ލިބުނު އަނިޔާގެ ސަބަބުން މިވަގުތު ކުޅުމާއި ދުރުގައި ހުރި ރާމޯސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ރެއާލުން ހާމަކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.
އުމުރުން 35 އަހަރުގެ ރާމޯސްއަށް އަނިޔާވެފައި ވަނީ މާޗް މަހުގެ ފަހުކޮޅު ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ކޮސޯވޯ އަތުން 3-1 ގެ ނަތީޖާއަކުން ސްޕެއިން މޮޅުވި މެޗުގައެވެ.
ރާމޯސް އެންމެ ފަހުން ރެއާލްއަށް މެޗެއް ކުޅެފައިވަނީ މާޗް މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް ސިކްސްޓީންގައި އިޓަލީގެ އެތުލާންޓާއާއި ދެކޮޅަށް ރެއާލް ކުޅުނު މެޗުގައެވެ.
ރެއާލްގެ އެންމެ މުހިންމު ދެ ޑިފެންޑަރުން ކަމަށްވާ ސާޖިއޯ ރާމޯސްއާއި ރަފޭލް ވަރާނޭ މިވަގުތު ކޯވިޑަށް ޕޮޒިޓިވްވެ ކުޅުމާއި ދުރުގައި ތިބިއިރު އެ ޓީމުން ވަނީ މުހިންމު މެޗުތަކެއް މި ދެ ކުޅުންތެރިން ނުލާ ކުޅެފައެވެ.
މިގޮތުން ސްޕެނިޝް ލީގުގައި ބާސެލޯނާ އަތުން 2-1 ގެ ނަތީޖާއިން ރެއާލް މޮޅުވި މެޗާއި، ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ފުރތަމަ ލެގުގައި ލިވަޕޫލް އަތުން 3-1 ގެ ނަތީޖާއިން ރެއާލް މޮޅުވި މެޗު ފާހަގަ ކޮށްލެވެއެވެ. އަދި މި ހަފްތާގެ ބުދަ ދުވަހުގެ ލިވަޕޫލްގެ ދަނޑުގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ކުއާޓާގެ ދެވަނަ ލެގުގެ މެޗުގައި ވެސް މި ދެ ކުޅުންތެރިންނަށް ނުކުޅެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!