ރަޟާން މަހު މާލޭ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެމުން އަންނަ ވެކްސިން ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގަޑިތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާންމު ކޮށްފިއެވެ.
ރަމަޟާން މަހަށް އެޗްޕީއޭއިން މިގެނައި ބަދަލުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އަލަށް ވެކްސިން ޖަހާ މީހުންނަށް މިހާރު ދެމުން އަންނަނީ ހަމައެކަނި ޗައިނާގެ ސިނަފޯމް ވެކްސިނެވެ. މި ވެކްސިން ޖަހަން ހުއްދަދީފައި ވަނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.
ކޮވިޝީލްގެ ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައިވާ ސެންޓަރުތަކަކީ ސޯޝަލް ސެންޓަރ، ނެޝަނަލް އާޓް ގެލަރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލެ ވެކްޝިނޭޝަން ސެންޓަރ (ހުޅުމާލޭ ފުލޫ ކުލިނިކް ހުރި އިމާރާތް)، ވިލިމާލެ ޒުވާނުންގެ މަރުކަޒުގެ އިތުރުން ސެނަހިޔާއެވެ. މި ހަ ސެންޓަރުން ދެވަނަ ޑޯޒް ދެމުން ގެންދިއުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހު ކޮވިޝީލްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭއިން އާންމު ކޮށްފައިވާ މަޢުލޫމާތުގައި ވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެކްސިން ޖަހައިދޭ ހުރިހާ ސެންޓަރެއް ބަންދުވާނެ ކަމަށެވެ. ރަމަޟާން މަހު ހުރިހާ ވެކްސިން ސެންޓަރުތަކުން ވެސް ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 9:00 އިން 11:00 އަށެވެ.
ވެކްސިން ޖަހަން ދާއިރު ބަލަންޖެހޭ ކަންތައްތައް
- ވެކްސިން ކާޑް ގެންދިއުން (ދެވަނަ ޑޯޒް ޖަހާ ފަރާތްތައް)
- އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިޔުން
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
- ގަޔަށް ދޫ ފަސޭހައިން ވެކްސިން ޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުން
- ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރިން
- ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
- ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
- ބޭނުން ކުރަމުންދާ ބޭހެއް ވާނަމަ އެ ބޭހުގެ މަޢުލޫމާތު ގެންދިއުން
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!