މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 333،928 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ %23 އެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ %21 އެވެ. 3 ވަނައިގައި ޔޫކްރެއިން އުޅޭއިރު 4 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖަރުމަނުވިލާތުންނެވެ.

Ad
rt

ޖަނަވަރީ މަހު ރާއްޖެއަށް 92،103 ފަތުރުވެރިންވަނީ އައިސްފައިވާއިރު ފެބްރުއަރީ މަހު 96،882 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މާރޗް މަހު ރާއްޖެއަށް 109،585 ފަތުރުވެރިން އައިސްފައިވާއިރު މިމަހުގެ ފުރަތަމަ 10 ދުވަހު ރާއްޖެއަށް 35،358 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ 333،928 އަރާފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައިސްފައިވަނީ 382،762 ފަތުރުވެރިންނެވެ.

މިއަހަރު ފެށުނުފަހުން މަހުން މަހަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 5،516 ފަތުރުވެރިން ވަނީ އައިސްފައެވެ.

މިއަހަރުގެ ޖަނަވަރީ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 2،971 ފަތުރުވެރިން ވަނީ އައިސްފައއިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައެވެ. ފެބްރުއަރީ މަހު 3،460 ފަތުރުވެރިން ރާއްޖެ އައިއިރު މާރޗް މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 3،535 ފަތުރުވެރިންނެވެ. އަދި މިމަހުގެ މިހާތަނަށް ރާއްޖެއަށް އެވްރެޖްކޮށް އައިސްފައިވަނީ 3536 ފަތުރުވެރިންނެވެ.

ކޯވިޑް-19އަށްފަހު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިހާރު ރާއްޖޭގައި 703 ތަނެއް ވަނީ އަލުން ހުޅުވާފައެވެ. މިއާއެކު 46،451 އެނދު ވަނީ އަލުން އޮޕަރޭޝަނަށް ގެނެސްފައެވެ. މީގެތެރެއިން %75 އެނދު ހުޅުވާފައިވަނީ ރިސޯޓްތަކުންނެވެ. %16 ގެސްޓްހައުސްތަކުން ހުޅުވާފައިވާއިރު %6 ސަފާރީތަކުން އަދި %3 އަކީ ހޮޓެލްތަކުން އަލުން އޮޕަރޭޝަނަށް ނެރެފައިވާ އެނދުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.