ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ފައިޒާ-ބަޔޯންޓެކް ވެކްސިން ޖަހައިދޭން މިއަދު ފަށައިފި އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ފައިޒާ ވެކްސިން ދޭނީ ރަޖިސްޓްރީ ކޮށް އެޕޮއިންމެންޓް ހައްދާފައިވާ މީހުންނަށް ކަމަށާއި، މިއަދު 9:00 ގައި ވެކްސިން ޖަހައި ދޭން ފަށައިފައި ވަނީ ހުޅުމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

Ad
rt

ރާއްޖެއަށް 5,850 ޑޯޒް ލިބިފައިވާއިރު ފައިޒާ-ބަޔޯންޓެކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީ) އިން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައި ވެއެވެ.

އެޗްޕީއޭއިން ބުނީ ފައިޒާ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެކަނި ކަމަށެވެ. ފައިޒާ ވެކްސިން ދޭނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ދަށް މީހުންނަށެވެ. އެ ގޮތުން އުމުރުން 16 އަދި 17 އަހަރުގެ ކުދިންނާއި 60 އަހަރުން މަތީގެ މީހުން ތެރެއިން ދިގުމުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ މީހުންނަށް ވެކްސިން ދޭނެ އެވެ.

އަދި 18 އަހަރާއި 60 އަހަރާއި ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށްވެސް ވެކްސިން ދޭން ވަނީ ނިންމާފައެވެ.