ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލުކުރި ވާދަވެރި ކްލެސިކޯ މެޗް ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ބާސާގެ މައްޗަށް ކުރި ހޯދާފައިވަނީ 2-1 ގެ ނަތީޖާއިންނެވެ.
މެޗު ފަށައިގެން ބާސާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ރެއާލުންނެވެ. މި ލަނޑު ރެއާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކަރިމް ބެންޒެމާއެވެ. ބެންޒެމާ މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ލޫކަސް ވަޒްކުއޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ބެންޒެމާ ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވަނީ ނުވަ ލަނޑު ކާމިޔާބު ކޮށްފައެވެ.
މި ލަނޑަށްފަހު ރެއާލުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ބާސާގެ ގޯލަށް ބާރު ބޮޑު ކޮށްފައެވެ. މިގޮތުން އެ ޓީމުންވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ރެއާލްއަށް ދެވަނަ ލަނޑު އެ ޓީމަށް ބާސާގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ޓޯނީ ކްރޫސްއެވެ. ޓޯނީ ކްރޫސް ފޮނުވާލި ހިލޭޖެހުން ބާސާގެ ގޯލަށް ވަދެފައިވަނީ އެ ޓީމްގެ ޑިފެންޑަރ ޑެސްޓްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ރެއާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި ފެޑްރިކޯ ވަލްވަޑޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައި ވަނީ ބާސާގެ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ ދެވަނަ ހާފުގައި ބާސާއިން ވަނީ ޓީމް އިތުރަށް ކުރިއަށް ޖައްސައި ލަނޑުޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އޮސްކާ މިންގުއޭޒާއެވެ. މި ލަނޑު މިންގުއޭޒާ ކާމިޔާބު ކޮށްފައިވަނީ ޖޯޑީ އަލަބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. މި ލަނޑަށްފަހު ބާސާއަށް އަދި ރެއާލްއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރު ވެފައެވެ. މިގޮތުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާސާގެ ޒުވާން މިޑްފީލްޑަރ މޮރިބާ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައި ވަނީ ރެއާލްގެ ގޯލުގެ ހުރަސް ދަނޑިއަށެވެ. ރެއާލުން މެޗު ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ ފަހު މިނެޓުގެ ތެރޭގައި ގާތްގާތުގައި ކުރި ދެ ފައުލާއި ގުޅިގެން ރެއާލްގެ މިޑްފީލްޑަރ ކަސެމީރޯއަށް ވަނީ ދެވަނަ ރީނޑު ކާޑާއިއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މި މެޗުން މޮޅުވުމާއިއެކު ރެއާލްއަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނަ ލިބިފައެވެ. އެ ޓީމް ލީގުގައި ކުޅުނު 30 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު 29 މެޗުން 66 ޕޮއިންޓް ހޯދައިގެން ދެވަނާގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އާދީއްތަ ދުވަހުގެ ރޭ އެތުލެޓިކޯއާއި ރެއާލް ބެޓިސް ބައްދަލުކުރާ މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނަ ހޯދުމުގެ ފުރުޞަތު އެތުލެޓިކޯއަށް އޮތްއިރު، މި މެޗުން ބަލިވެ ބާސެލޯނާވަނީ ތާވަލުގެ ތިންވަނައަށް ވެއްޓިފައެވެ. އެ ޓީމަށް ލިބިފައިވަނީ 30 މެޗުން 65 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!