މި ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓަކީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ މުހިންމު އިންތިހާބެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ޖަމާލުއްދީން ސްކޫލްގައި ހުރި ޅ. އަތޮޅު ދާއިރާގެ ފޮއްޓަށް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީއަށް ވުރެ ބޮޑު ކާމިޔާބީއެއް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ލިބޭނެ ކަމަށެވެ.
އަދި ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް މިހާރު އޮތީ ލިބިފައި ކަމަށާއި އެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށެވެ. އެހެންވެ، ކޮންމެ ރަށަކަށް ވެސް އެ ރަށެއްގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުން މިއަދު ވޯޓު ދިނުން މުހިންމު ކަމަށެވެ.
މީގެ އިތުރުން ވޯޓުލުން މިއަދު 7 ޖެހިއިރު ފަށާފައިވާއިރު ވޯޓުލާން އަންނަ މީހުންގެ އަދަދު މަދުވުމާ ގުޅިގެން ރައީސް ވިދާޅުވެފައިވަނީ އެހާ ގިނަ ބަޔަކު ވޯޓުލާން ނުނިކުންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ހެދި ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެކަމަކު، މެންދުރު ފަހުން ވޯޓުލާން އަންނަ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި މާލޭގެ މޭޔަރުކަން އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރު 60 އިންސައްތަ އިން ނަންގަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް 982 މެންބަރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިހާބު ކުރަން ހަމަޖެހިފައިވާއިރު ޖުމްލަ 1912 މެންބަރުން ބައިވެރި ވެއެވެ. އަދި މިފަހަރުގެ އިންތިޚާބުގެ ވޯޓުލުމާއި އެންމެހައި ކަންކަން ކުރިއަށްގެންދަނީ ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ޚާއްސަ އިންތިޒާމުތަކެއްގެ ތެރެއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!