މާދަމާ އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒު ވާދަކުރަށް ވަނީ، މާލޭ ސިޓީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެތައް މައްސަލައަކާއި، ދަތިކަމެއް ހައްލުކޮށް ދިނުމުގެ މަތިވެރި އަޒުމާއެކު، އެކަންކަމަށް ބޭނުންވާނޭ ފުރިހަމަ ތަސައްވުރަކާއެކު އެވެ.

ހައުސިން މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. މުޢިއްޒު އަކީ ވޭތުވި ސަރުކާރުގައި މާލޭގެ މަލަމަތި ބަދަލުކޮށްލުމުގެ ވެސް އެއްމެ އިސް މޭސްތިރިއެވެ. ކަސްރަތުކޮށްލަން ހިނގާލައި، ދުވެލާ ހިތްފަސޭހަ މަގާއެކު، އެ މަގުން މާލެ-ހުޅުމާލެ ގުޅުވާލަދޭ ޒަމާނީ ބްރިޖު މަޝްރޫޢުގެ އިސް މޭސްތިރިއަކީ ވެސް ޑރ. މުޢިއްޒެވެ.

Ad
rt

ތަޢުލީ ފާސްތަކުން ސާބިތުވާ ގާބިލްކަމުގެ އިތުރުން މަސައްކަތުގެ އަމަލީ ތަޖުރިބާއާއި، ދޭދޭ ގުޅުންތަކުގެ މައްޗަށް ނަޒަރިއްޔާތު ހިންގާލާއިރުވެސް ޑރ. މުޢިއްޒު މާލޭ ސިޓީގެ މޭޔަރެއްގެ ހައިސިއްޔަތުން މާލޭއަށް ގެނެސްދޭނެ ހެޔޮ ބަދަލު ވަޒަންކުރެވޭ ކަމަށް މިކަންކަން ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެގޮތުން އެ ފަރާތްތައް ހުނިޖަހައިލާއެއްކަމަކީ، މާލޭ ސިޓީގެ ޒުވާނުންނަށާއި، ކަނބަލުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް، ޑރ. މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން މާލޭގެ ރަސްފަންނު ސަރަހައްދުގެ 60 ހާސް އަކަމީޓަރުގެ ބިމުގަައި، ހިންގުމަށް ހުށަހަޅުއްވަން ނިންމަވާފައިވާ "ގާޑަން ޕްލާޒާ" މަޝްރޫޢު އެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، މި މަޝްރޫޢުއަކީ އެތަނެއް ޒުވާނުންނާއި ކަނބަލުންނަށް އަދި މާލޭގެ ލޮބުވެތި ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ގާއިމު ކުރެވިގެންދާނެ އެމްބިޝަންސް މަޝްރޫޢުއަކަށް ވެގެންދާނެ ކަމަށެވެ.

"އެތަނަށް ގެނެވޭ އިންވެސްޓްމަންޓްގެ ތެރެއިން އެތަނުގައި އެތައް ފިހާރަތަކަކާއި އެތައް ރެސްޓޯރެންޓްތަކަކާއި، އާންމުންނަށް ހިތްފަސޭހަ ތަންތަން ގާއިމުކުރެވިފައިވާ ޒަމާނީ އިމާރާތަކަށް ހެދިގެންދާނެ، އެތަނަކީ ތިމާވެއްޓާއި ރައްޓެހި، އެތަނުގައި ވަޒީފާއަދާކުރަމުންދާ ޒުވާނުންނާއި، ކަނބަލުންނާއި އާންމު ރައްޔިތުންނަށް ހިތްފަސޭހަ ތަނަކަށް އެތަން ހެދިގެންދާނެ، މިއީ އުންމީދަކީ މިއީ ދިރުން ލިބިގެންވާ ކަންކަމަކީ، މިފަދަ ކަންކަން މާލޭގައި ކުރެވެންއެބަޖެހޭ، ސިޓީ ކައުންސިލަކީ މިކަހަލަ ކަންކަންކުރާ ބަޔަކަޔަކަށްވާން އެބަޖެހޭ،" ޑރ. މުޢިއްޒު ވިދާޅުވެފަ ވެއެވެ.

މީގެއިތުރުން މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވުމުގައި ވެސް ކާމިޔާބު ހޯއްދަވައި ދެއްވުމަކީ ޑރ. މުޢިއްޒުގެ އެންމެ އިސް އެއް އަމާޒެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށްޓަކައި އޮތް އެންމެ ރަނގަޅު ހައްލަކީ، ގުޅީފަޅު ހިއްކައި މާލޭގެ ރައްޔިތުންކުރެ ގޯތި ބޭނުންވާ މީހުންނަށް ގޯތި އަދި ފްލެޓް ބެނުންވާ މީހުންނަށް ފްލެޓް ލިބޭ ތަނަކަށް އެތަން ހެދުން ކަމަށް މުޢިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.

''އަޅުގަނޑުގެ މުޅި ފްލަސަފާއަކީ، މިސާލަކަށް ގެދޮރުގެ މައްސަލާގައި މާލޭގެ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށްޓަކައި އޮތް އެންމެ ރަނގަޅު ހައްލަކީ ކައިރީގައި މިއޮތް ގުޅިފަޅު ހިއްކުން، ހިއްކާފައި އެތަނަކީ މަލޭގެ ރައްޔިތުންކުރެ ގޯތި ބޭނުންވާ މީހުންނަށް ގޯތިދޭ، އަދި ފްލެޓް ބެނުންވާ މީހުންނަށް ފްލެޓް ލިބޭ ތަނަކަށް ހެދުން، މި ސުވާލެއްނެތް، ދެބަސްވުމެއްނެތް މައްސަލައަކަށް، އެކަން އެގޮތަށް، މިސަރުކާރުގެ ސިޔާސަތު މިދަނީ އެ ގޮތަކަށް ނޫން، ސަރުކާރުގެ ސިޔާސަތާ ރައްޔިތުންގެ ވިންދަކާ ދިމަލެއްނުވޭ، ދިމާއިދިކޮޅު، މިކަހަލަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ފަޅީގައި ހުންނަ މީހެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ތެދުވެރިވާ ރައްޔިތުން ބޭނުންވާގޮތަށް މިކަން ގެންދިޔުމުގައި، މިކަން ބައްޓަން ކުރުމަށްޓަކައި މަސައްކަތް ކުރާނަން، ސަރުކާރުން އެކަން ރައްޔިތުންނަށް ކޮށްދޭތޯ މަސައްކަތްކުރާނަން، އެހެނެއްނޫން ސަރުކާރުން ހުށަހަޅާކަންކަން އެއީ ރައްޔިތުންނަށް ލާބައާއި މަންފާހުރި ކަންކަންކަމަށް ވަނީނަމަ، އެންމެ ފުރަތަމަ ކުރީސަފުގައި ހުންނާނެ މީހަކީ އަޅުގަނޑު،''

ޑރ. ޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒުގެ ވިސްނުންފުޅުގައި އޮތީ މުޅި މާލެއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރެއްވުމެވެ. މާލޭ ސިޓީގެ މަގުތަކަކީ ހިތްފަސޭހަ އަމާން މަގުތަކަކަށް ހަދައި، މާލޭގެ ޕާކިންގެ މައްސަލަކަމަށް ވިޔަސް، މަގުތަކުގެ މައްސަލައެއް ކަމަށް ވިޔަސް ހައްލު ކުރުމަށް މަސައްކަތް ކުރެއްވުމެވެ. އެ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވުމުގައި މުޢިއްޒު ހުންނެވީ ގުޅުގެން މަސައްކަތް ވެސް ކުރަށްވަން ތައްޔާރަށެވެ.

''އަޅުގަނޑު ނުކުންނަނީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި، އެ އަޒުމްގައި އެ ނިޔަތުގައި، އަޅުގަނޑު ދެމިހުންނާނީ އިރާދަ ކުރެއްވިއްޔާ ހަމައެގޮތުގައި، އަޅުގަނޑު މަސައްކަތްކުރާނީ ސަރުކާރުން ރައްޔިތުންނާއެކީގައި މަސައްކަތްކުރަން ބޭނުންވާ ހުރިހާކަމެއްގައި އެންމެ އިސްނަގައިގެން ސަރުކާރުގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި މާލޭ ރައްޔިތުންނާ ގުޅޭކަންކަމުގައި، ސަރުކާރަކަށް ޖެއްސުމެއްް ކުރާކަށް ނޫން، ރައްޔިތުންގެ ވިންދާ ނުގުޅޭ ކަމެއް ކުރިއަށް ގެންދާނަމަ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހުށަހަޅައިގެން އެކަމެއް ރަނގަޅު ކުރަން މަސައްކަތްކުރުން''

ޑރ. ޢިއްޒު ވިދާޅުވިއެވެ.

ގޮތް ނިންމާނީ މާލޭ ސިޓީގެ ރައްޔިތުންނެވެ. ޑރ. މުޢިއްޒު ހުންނެވީ މާލޭގެ ރައްޔިތުންގެ ނިންމެވުމަށް އިޚްތިރާމް ކުރެއްވުމަށް އަޒުމާއެކު އެވެ.

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންކުރެ އެންމެ ތަޢުލީމާއި، ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ކެނޑިޑޭޓަކީ ޑރ. މުޢިއްޒުއެވެ.