ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތައް ލިބޭ ފަރާތްތަކުގެ މެދުގައި ފްލެޓްތައް ހޮވުމަށް ކުރިއަށްގެންދާ ގުރުއަތުލުމުގެ މަސައްކަތް ފަށައިފި އެވެ.

އެންމެ ފުރަތަމަ ފަންގިފިލައިން ފެށިގެން ފްލެޓްތައް ލިބޭ ފަރާތްތަކަށް ފްލެޓްތައް ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އެގޮތުން މިއަދު ގުރުއަތުލަނީ އެޗް10ގައި ހިމެނޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުންގެ ފްލެޓްތަކެވެ.

Ad
rt

ގުރުއަތު ނަގާނީ އެ ކެޓަގަރީން ފްލެޓު ލިބުނުކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓުތަކުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑު ނަންބަރު ތަރުތީބުންނެވެ.

ގުރުއަތު ނެގުމުގެ މަސައްކަތް ކުރިއަށްދަނީ ފްލެޓް ނަންބަރު ކަރުދާސްކޮޅުތަކެއްގައި ފޮށްޓަކަށް އެޅުމަށްފަހު ކަނޑައަޅާފައިވާ ލިސްޓުތަކުގައި ހިމެނޭ ފަރާތްތަކުގެ އައިޑީ ކާޑު ނަންބަރު ތަރުތީބުންނެވެ.

ގުރުއަތު ނަގާއިރު ނެގުނު ފުލެޓާއި، ފަންގިފިލާއާއި ޓަވަރު އެނގޭ ގޮތަށް ސްކްރީނުން އަންނަނީ ދައްކަމުންނެވެ. އަދި އޭގެ އިތުރުން ފްލެޓު ލިބުނު ފަރާތުން ދީފައިވާ ނަންބަރަށް މެސެޖެއް ލިބޭނެއެވެ. އެ މެސެޖުގައި ނެގުނު ފުލެޓާއި، ފަންގިފިލާއާއި، ޓަވަރު ހިމެނޭނެއެވެ. އޭގައިވާ ލިންކަށް ކްލިކް ކޮށްލުމުން ގުރުއަތުނެގުނު ފުލެޓްގެ އިތުރު މަޢުލޫމާތު ފެންނާނެއެވެ.

ގުރުއަތު ނަގާ ނިމުމުން އެކަމަށް ހާއްސަ އެއްބަސްވުންތައް ހެދުމަށްފަހު އެ ފަރާތްތަކަށް ފްލެޓުގެ ތަޅުދަނޑިތައް ހަވާލުކުރަން ފަށާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވިއެވެ. އަސްލަމް ވިދާޅުވެފައިވަނީ އެ ފަރާތްތަކަށް ފްލެޓް ލިބުމުން ތިން މަހުގެ މުއްދަތެއް ކުއްޔާ ނުލާ ލިބޭނެ ކަމަށެވެ. އެއީ އެތަނަށް ބޭނުންވާނެ މަރާމާތުތަކާއި އެހެން މަސައްކަތް ކުރުމަށް ކަމަށް އޭނާ ކުރީން ހާމަކުރައްވާފައިވެއެވެ.

މިއަދު ގުރުއަތުނަގަމުންދާ ފްލެޓްތަކުގެ ލިސްޓް ޢާޢްމު ކޮށްފައިވަނީ 2018 ގައެވެ. އަދި ކުރިން ޕޮއިންޓްދީފައި ހުރީ، ހަމަހަމައަކުން ނޫން ކަމަށް ފްލެޓް ކޮމިޓީން ވަނީ ބުނެފައެވެ. އަދި ކޮމެޓީން އެ ލިސްޓް އިސްލާހުކޮށް ދިރިއުޅުމުގެ ހާލަތުބަލައި، އަލުން ވަނީ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އެކުލަވާލާފައެވެ.