ސަރުކާރުން މާލޭގެ ރައްވެހިންނަށް އަލަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ އައު މަޝްރޫޢުތަކަށް ކުރިތަމަތިލުމުގެ ފުރުޞަތު އަންނަ މަހުތެރޭ ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފި އެވެ.
އެމިނިސްޓްރީއިން އިއްޔެކުރި އިޢުލާނެއްގައި ބުނެފައިވަނީ، އަލަށް ހުޅުވާލާ މި ފުރުޞަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅަށްޖެހޭ އެޕްލިކޭޝަން ފޯމުގެ ނަމޫނާއާއި، މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލު އެ އިޢުލާނާއެކު ހިމަނާފައިވާނެ ކަމަށެވެ. އަދި އެޕްލިކޭޝަން ފޯމުގައި، މި މަޝްރޫޢުތަކަށް ކުރިމަތިލުމުގެ ޝަރުތު ތަކާއި، ހުޅުވާލެވިގެންދާނެ ފްލެޓްގެ ބާވަތްތައް ހިމެނިފައިވެ އެވެ.
އަލަށް ހުޅުވާލުމަށް ހަމެޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ފްލެޓް ލިބުމުގެ ޝަރުތު ފުރިހަމަވުމުގައި ބަލާނެ އެންމެ ދަށް މާކްސް އަކީ 42 ކަމަށާއި އަދި ފްލެޓްތައް އެލޮކޭޓްކުރުމުގައި 75 މާކްސް އަދި އެއަށްވުރެމަތިން ލިބޭފަރާތްތަކަށް ފްލެޓް ކަށަވަރުކޮށްދިނުމުގައި އިސްކަންދެވޭނެ ކަމަށް އެމިނިސްޓްރީގެ އިޢުލާނުގައި ބުނެފައިވެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެދަށުން ބޯހިޔާވަހިކަމަ ށް އެދި ފޯ މުހުށަހެޅުމުގެ ޝަރުތު ހަމަވުމުގައި ބަލާނެ ކަންކަން :
1- ދިވެހިރައްޔިތަކަށްވުން.
2- އުމުރުން 18 އަހަރުވެފައިވުން.
3- މާލޭގައި ރެޖިސްޓްރީވެފައިވާ ރައްވެއްސަކަށްވުން (ރަޖިސްޓްރީވީ ދުވަހުން ފެށިގެން މަދުވެގެން 15 އަހަރު - ހަމައެކަނިމައި އެޕްލިކެންޓް).
4- މި އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މާލެސިޓީ އިން، ޕްރައިވެޓް (ރިއަލްއެސްޓޭޓް މާރކެޓްއިން) ހައުސިންގ ޔުނިޓެއް/ބިމެއް (600 އަކަފޫޓަށްވުރެ ބޮޑު) ގަނެ ނުވަތަ ގަތުމަށް، އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައި އޮވެގެންނުވާނެ (އެޕްލިކަންޓް/ކޯ އެޕްލިކަންޓް).
5- މި އެޕްލިކޭޝަންގެ ދަށުން އެވޯޑް ކުރެވޭ ހައުސިންގ ޔުނިޓް ލިބޭފަރާތަކުން މާލެ ސިޓީގައި ޕްރައިވެޓް ރިއަލްއެސްޓޭޓް ހައުސިންގ ޑިވެލޮޕްމަންޓަކަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަންފަށާނަމަ، މި މަޝްރޫގެދަށުން ލިބިފައިވާ ބޯހިޔާވަހިކަން ދަޢުލަތަށް އަނބުރާ ނެގޭނެ (އެޕްލިކަންޓް/ކޯ އެޕްލިކަންޓް).
6- މައި އެޕްލިކަންޓް ގޮތުގައި ހިމެނޭފަރާތް ވޭތުވެދިޔަ 3 އަހަރު ތެރޭގައި، މާލެސިޓީގައި ދިރިއުޅުމަށް ހޯދިފައިވާ އެއްވެސް ތަނެއް (600 އަކަފޫޓު ނުވަތަ އެއަށްވުރެއް ބޮޑު) ވިއްކާފައިއޮވެގެން ނުވާނެ.
7- މި އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގައި މައި އެޕްލިކަންޓް އަދި ކޯއެޕްލިކަންޓްއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެގެންނުވާނެ.
8- މަހަކަށްޖެހޭ ޖުމްލަ އާމްދަނީ -/61،000ރ އަށްވުރެ އިތުރަށްލިބޭ އެއްވެސް ފަރާތަކަށް ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގައި ބައިވެރިއެއް ނުވެވޭނެ (މައި އެޕްލިކަންޓް އަދި ކޯއެޕްލިކަންޓް ވަކިން އަދި ޖުމްލަކޮށް).
މި ކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީގެ ނަންބަރު 4003967،4004968 ނުވަތަ ނަންބަރު 4004969 ފޯނަށް ގުޅުއްވުން އެދިފައި ވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!