އިޓާލިއަން ސީރިއާ އޭގައި އިންޓަ މިލާނާއި ސަސޫލޯ ބައްދަލުކުރި މެޗު، އިންޓައިން ކާމިޔާބު ކޮށްފިއެވެ. އެ ޓީމުން މި މެޗު ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

އިންޓަ މިލާނުން ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް ވަނީ މޮޅުވެފައެވެ. ލީގުގައި ބާކީ ނުވަ މެޗު އޮތްއިރު މި މޮޅާއިއެކު ލީގު ހޯދުމުގައި އެ ޓީމަށް ވަނީ ބޮޑު އިތުބާރެއް ލިބިގެން ގޮސްފައެވެ.

Ad
rt

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ އިންޓައިންނެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އިންޓައަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ލުކަކޫއެވެ. މި ލަނޑު ލުކަކޫ ކާމިޔާބު ކޮށްފައިވަނީ އެ ޓީމުގެ އެސްލީ ޔަންގް ސަސޫލޯގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ލީގުގައި ލުކާކޫ މި ސީޒަންގައި ކާމިޔާބުކުރި 21 ވަނަ ލަނޑެވެ.

އިންޓައިން ވަނީ މެޗުގެ 67 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑު އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ކާމިޔާބު ކޮށްދީފައިވަނީ މާޓިނޭޒްއެވެ. ނަމަވެސް މެޗު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ސަސޫލޯގެ ޓްރެއޯރޭ ވަނީ ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ.

އިންޓައިން އެންމެ ފަހުން ލީގު ކާމިޔާބު ކުރެވިފައި ވަނީ 2010 ވަނަ އަހަރުއެވެ. ފާއިތުވި ނުވަ އަހަރު ވެސް އިޓަލީ ލީގުގެ ކާމިޔާބު ކޮށްފައިވަނީ ޔުވެންޓަސްއިންނެވެ.

މި މޮޅާއިއެކު އިންޓައަށް ވަނީ ތާވަލުގެ އެއްވަނާގައި 11 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެ ޓީމަށް 29 މެޗުން ލިބިފައިވަނީ 71 ޕޮއިންޓެވެ. ދެ ވަނާގައި އޭސީ މިލާން އޮތީ 29 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ބަލިވި ސަސޫލޯ އޮތީ ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް 29 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ.