މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމް މިޑްފީލްޑަރ ޑި ބްރޭނާ އެ ޓީމާއިއެކު ހަދާފައުވާ އެއްބަސްވުން އައުކޮށްފިއެވެ.

2015 ވަނަ އަހަރު ޖަރުމަނުގެ ވުލްފްސްބާގްއިން ސިޓީއަށް ބަދަލުވެ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑި ބްރޭނާގެ ކުރިން ސިޓީއާއިއެކު ހަދާފައި އޮތް އެއްބަސްވުން ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. ނަމަވެސް ޑި ބްރޭނާ މިވަނީ އިތުރު ދެ އަހަރު ސިޓީގައި މަޑުކުރަން ނިންމައި އައު އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

Ad
rt

ވުމާއިއެކު ޑި ބްރޭނާ ސިޓީގައި 2025 ވަނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް މަޑުކުރާނެއެވެ.

ޑި ބްރޭނާ ވުލްފްސްބާގް ދޫކޮށް ސިޓީއަށް ބަދަލުވެފައި ވަނީ 55 މިލިޔަން ޕައުންޑަށެވެ. ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑި ބްރޭނާ ވަނީ ސިޓީއަށް ކުޅެދިން 255 މެޗުގައި 65 ލަނޑު ޖަހާފައެވެ. އަދި ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ.

މި ސީޒަންގައި އަނިޔާގެ މައްސަލަ ކުރިމަތިވި ނަމަވެސް ޑި ބްރޭނާ ވަނީ ސިޓީއަށް މި ސީޒަންގައި ކުޅެދިން 33 މެޗުގައި 8 ގޯލު ޖަހައި 16 އެސިސްޓް ކޮށްދީފައެވެ. މީގެ އިތުރުން ހޯދާފައިވާ ބައެއް ކާމިޔާބީ ތަކުގެ ތެރޭގައު ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވި ފާއިތުވި ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ޑި ބްރޭނާ ވަނީ ހޯދާފައެވެ.

އައު ކޮންޓްރެކްޓްގައި ސޮއި ކުރުމަށް ފަހު ޑި ބްރޭނާ ބުނެފައިވަނީ މިއީ ކުރިއަށް ދިއުމަށް ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ. އަދި މިއީ ފަސޭހަ ނިންމުމެއް ކަމަށާއި ބޭނުންވަނީ ސިޓީގައި މަޑުކޮށް، އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދަން ކަމަށެވެ.