ބަނގުރަލުގެ ހާއްޔަކަށް ވެފައިވާ ގުރޭޓަރ މާލެެއިން އިއްޔެ އެކަނިވެސް 17 ބަނގުރާ ފުޅި އަތުލައިގަނެފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިތަކަކާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށް މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާކަމަށެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްކަމަށެވެ. އެދެމީހުންގެ ތެރެއިން 21 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ އެމްޕީއެލް ޖެޓީ ކައިރިން އިއްޔެ ހަވީރުގެ ވަގުތެއްގައި ހުއްޓުވި ކާރެއްގެ ޑިކީން ފެނުނު ދަބަހެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 12 ފުޅި ފެނުމާ ގުޅިގެންނެވެ.
39 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ބްރިޖް ހައިވޭ އިން ދުއްވާ ދަނިކޮށް ހުއްޓުވައި، އޭނާގެ އަތުގައި އޮތް ކޮތަޅެއް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ފުޅި ފެނުމާ ގުޅިގެންކަމަށް ފުލުހުން މަޢުލޫމާތުދީފައި ވެއެވެ.
މި ދެމައްސަލަ ހުޅުމާލެ ޕޮލިސް އިން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިއަކާއެކު ފުލުހަކުވެސްވަނީ މިދިޔަ މަހު ހައްޔަރުކޮށްފަ އެވެ.
އަދި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭވެސް ވަނީ ބަނގުރާފުޅިތަކަކާއި އެކު 2 ޒުވާނަކު މަގުމަތިން ހައްޔަރުކޮށްފަ އެވެ. އެ މީހުން ހުއްޓުވުމުން އެ މީހުން ގެންގުޅުނު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ތިން ފުޅި މަގުމައްޗަށް ވައްޓާލާ ތަޅާލާފައިވެއެވެ.
2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ޖުމްލަ 210 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެދަށަށްގެ ގެނެސްފައިވާ ގިނައަދަސެއގެ ބަނގުރާވަނީ މިދިޔަ މަހު ނައްތާލާފަ އެވެ. މި ތަކެތީގެ ތެރޭގައި ހިމެނެނީ އެކި ބްރޭންޑްތަކުގެ 5،510 ފުޅިއާއި 290 ޕެޓްފުޅިއާއި 4،947 ބިޔަރު ދަޅުގެ އިތުރުން 24 ހަމާއި ފަސް ލީޓަރުގެ 9 ފުޅިއާއި 9 ޓައްޕު އަދި 192 އެހެނިހެން ތަކެތިކަމަށް ފުލުހުން ބުނެފައިވެެެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!