"އެކިއެކި ލިޔުންތަކު ގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު" އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ ބަހުސް ފަށައިފި އެވެ.
ދައުލަތުގެ ލިޔެކިއުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލުމަށް ގާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް އެވެ. މި ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހުގައެވެ.
ޤާނޫނު ނަންބަރު 4/70ޖ. "އެކިއެކި ލިޔުންތަކު ގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު" އުވާލުމުގެ ބިލްގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށާފަ އެވެ. މި ބިލްގެ ބަހުސްއަށް ހުޅުވާލުމާއި އެކު މި ބިލް އުވާލުމަށް ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ ތާއިދުކޮށްފައެވެ.
މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ މި ބިލަކީ 1970 ވަނަ އަހަރު ފާސްކޮށް އަމަލު ކުރަމުން އަންނަ ގާނޫނެއް ކަމަށެވެ. އަދި މިއީ މިއަދު އަމަލު ކުރަން ޖެހޭ ފަދަ ގާނޫނެއް ނޫންކަމަށާއި މި ގާނޫނުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތަށް ކޮންމެވެސް ސިފައެއްގައި އާމްދަނީ ހޯދުމަށް ހެދި ގާނޫނެއް ކަމަށެވެ.
އެމްޑީޕީ ސަރުކާރުން 2008 ވަނަ އަހަރު ރާއްޖެއަށް ޓެކްސް ނިޒާމު ތައާރަފު ކުރުމާއި އެކު މި ގާނޫނުގެ ހަގީގީ ބޭނުމެއް ނެތް، އަދި މިއީ އޭރުއްސުރެ އުވާލަން ޖެހޭ، އަދި އުވާލުން ލަސްވެފައިވާ ގާނޫނެއް
އާޒިމް ވިދާޅުވި އެވެ.
ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާލުމުގެ ބިލް ހުށައަޅާ ސަބަބެއްކަމުގައި ބަޔާންކޮށްފައިވަނީ 1970ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުންދާ ޤާނޫނަކަށްވެ، އެ ޤާނޫނުގެ ދަށުން ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމް ހިންގުމަށް ހިނގާ ޚަރަދާއި އަޅާބަލާއިރު އެކަށީގެންވާ އާމްދަނީއެއް ނުލިބުމެވެ. އަދި ރެވެނިޔު ސްޓޭމްޕްގެ ފައިސާއަކީ ދައުލަތުގެ އެކި އިދާރާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުން ނަގާ ފީތަކާއި އެ ނޫންވެސް ފައިސާގެ ޒަރިއްޔާއިން ހަމަޖެއްސޭނެ އާމްދަނީއެއް ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ރެވެނިޔު ސްޓޭމްޕް ޖަހަން ޖެހުމުގެ ސަބަބުން ދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަށްވެސް އިތުރު ދަތިތަކާ ކުރިމަތިލާންޖެހޭކަމަށް ވަނީ ފާހަގަކޮށްފައެވެ.
މި ބިލަށް ޢަމަލުކުރަން ފަށާނީ، ރައްޔިތުންގެ މަޖިލީހުން ބިލް ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ހިސާބުންނެވެ. ސަރުކާރުގެ އެކި އިދާރާތަކުން ޚިދުމަތް ހޯދުމުގައި ރެވެނިޔު ސްޓޭމްޕް ޖަހަން ޖެހުމަކީ ގިނަބަޔަކު ޝަކުވާ ކުރާ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!