މަޝްހޫރު ކުރެހުންތެރިޔާ ޕަބްލޯ ޕިކާސޯގެ ކުރެހުމެއް 55 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.
މި ކުރެހުމަކީ ޕިކާސޯގެ ޒުވާން އިރުގެ ލޯބިވެރިޔާ، މެރީ ޓެރެސާ ހާއްސަކޮށްގެން ކުރެހި ކުރެހުމެކެވެ. މި ކުރެހުމުގައި ފެންނަނީ އޭނާގެ ލޯބިވެރިޔާ ކުޑަދޮރެއްގެ ކައިރީގައި އިށީންދެލައިގެން އިންނަ މަންޒަރެވެ.
ޕިކާސޯ މި ކުރެހުން ތައްޔާރުކޮށްފައިވަނީ 1932 ވަނަ އަހަރުގައެވެ. އެއީ އޭނާގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް އައި އަހަރެކެވެ. އޭރު އޭނާއަށް 50 އަހަރެވެ.
މި ކުރެހުން ވިއްކާލަން ބާއްވާ ނީލަން ބާއްވަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ނިއުޔޯކުގަ އެވެ.
ޕިކާސޯއާ މެރީ ޓެރެސާއާ ދިމާވީ އޭނާ އޮލްގާ ކޮކްލޯވާއާ އިނދެގެން އުޅެނިކޮށެވެ. އެ ދެމީހުންގެ ލޯބީގެ ގޮތުން ގުޅުނުއިރު މެރީ ޓެރެސާއަށް 17 އަހަރެވެ. ޕިކާސޯގެ ގިނަކުރެހުންތަކުގައި އޭނާ މިސާލެއްގެ ގޮތުގައި ބޭނުންކޮށްފައިވެއެވެ.
މި ކުރެހުން އެންމެ ފަހުން ނީލަމަށް ހުށަހެޅީ 2013 ވަނަ އަހަރުގައެވެ. އެފަހަރު މި ކުރެހުން 44.8 މިލިއަން ޑޮލަރަށް ވިއްކާލިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!