ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ސީއެސްއާރުގެ ދަށުން މާލޭ ހުކުރު މިސްކިތުގެ މުންނާރާއި މެދު ޒިޔާރަތުގެ އާބާތުރަފިލުވައި ސާފުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ސްޓެލްކޯ ގުޅިގެން މިމަސައްކަތް ފަށާފައިވަނީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އިއްޔެގަ އެވެ.

Ad
rt

މިމަސައްކަތް ފެށްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ފަންނާއި ސަޤާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން އާއި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުޣުނީ ވަނީ ވައިވެރިވެލައްވާފަ އެވެ.

ޔުމްނާ މައުމޫން ވިދާޅުވީ މިފަދަ ތަންތަނަކީ ރާއްޖޭގެ އިސްލާމީ ތާރީޚާއި ތަރިކައިގެ ފަންނު ފެންނަ މުހިންމު ބިނާތަކެއްކަމަށެވެ. މިފަދަ ބިނާތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްޓެލްކޯއިން އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން މިފަދަ މަސައްކަތެއް ފަށާފައިވާތީ، މިނިސްޓަރ ޔުމްނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"މި މަސައްކަތުގައި މިފަހަރުވެސް ވެލިލައި ސާފުކުރުން ހިމެނޭ. މިފަދަ ތަންތަން ޙިމާޔަތްކުރުމަކީ އެންމެންގެވެސް ޒިންމާއެއް. ވަރަށް އުފާވޭ ސްޓެލްކޯއިން މިފަދަ މަސައްކަތެއް ކުރާތީ. އުއްމީދަކީ އެކި ކުންފުނިތަކުންނާއި ޖަމްޢިއްޔާ ޖަމާތްތަކުންވެސް މިފަދަ މަސައްކަތުގައި ބައިވެރިވުން."

މިނިސްޓަރ ޔުމްނާ ވިދާޅުވީއެވެ.

ދިވެހިންގެ ތާރީހާއި ގުޅިފައިހުރި މިފަދަ ތާރީހީ ބިނާތައް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގައި ބައިވެރިވެވުމަކީ އެކުންފުންޏަށް ލިބޭ އުފަލެއްކަމަށެވެ.

މިރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން މުޣުނީ ދެއްކެވި ވާހަކައިގައި ވިދާޅުވީ މިފަދަ މަސައްކަތެއްގައި އެ ކުންފުނިން ބައިވެރިވެފައިވަނީ، އާސާރީ ބިނާތައް ޙިމާޔަތްކޮށް ބެލެހެއްޓުމުގައި ކުންފުނީގެ އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށެވެ.

"ކުންފުނިން ވަރަށް ލޯބިން ކުރާ މަސައްކަތެއް މިއީ. ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން މި މަސައްކަތް ކުރިއަށްގެންދަނީ."

މުޣުނީ ވިދާޅުވިއެވެ.

ސްޓެލްކޯއިން މީގެކުރިންވެސްވަނީ ހުކުރު މިސްކިތުގެ މުންނާރު ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައެވެ. ހުކުރު މިސްކިތު މުންނާރާއި މެދު ޒިޔާރަތް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ކަމާ ގުޅޭ ފަންނީ މީހުންގެ އެހީތެރިކަމާއެކުއެވެ.