މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާއިރު އެންމެ ހާއްސަކަމެއް ލިބޭ އެއް ދާއިރާއަކީ ކުޅުދުއްފުށީ ސިޓީ އެވެ. ސިޓީއެއްގެ ދަރަޖަ ލިބުމަށްފަހު އެންމެ ފުރަތަމަ ފަހަރަށް ކައުންސިލް އިންތިހާބަށް ކުރިމަތިލާއިރު ކުޅުދުއްފުށި ސިޓީ ރައްޔިތުންނަށް ޖެހިފައިމިވަނީ އެސިޓީގެ ފުރަތަމަ މޭޔަރު ހޮވާށެވެ.
އެބޮޑު ޒިންމާއަށް ކުޅުދުއްފުށީ ސިޓީ ތައްޔާރުވެފައިވާއިރު ސިޓީއެއްގެ ދަރަޖަ ލިބުމަށްފަހު ކުޅުދުއްފުށީ ސިޓީ ކައުންސިލްއަށް 6 ދާއިރާއަކަށް ކައުންސެލަރުން ހޮވަން ޖެހެއެެވެ. އެއީ ކުޅުދުއްފުށި އުތުރު ދާއިރާ، ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ، ކުޅުދުއްފުށި މެދު އުތުރު ދާއިރާ، ކުޅުދުއްފުށި މެދު ދެކުނު ދާއިރާ، ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ އަދި ކުޅުދުއްފުށި އިރު ދެކުނު ދާއިރާއެވެ. އޭގެ ތެރެއިން އަންހެނުންނަށް ހާއްސަ 2 ދާއިރާގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާއެވެ.
އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރިތައް ވެ ވޯޓްލާންވީ ވަގުތު ކުޑަތަންވެފައިވާއިރު ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް 4 ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ. އެއީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓްގައި ވާދަ ކުރައްވާ މުޙަައްމަދު ޢާޠިފް އާއި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓްގައި ވާދަކުރައްވާ ކުޅުދުއްފުށީ އާލަމް ގޭ އަބުދުﷲ އިގްބާލު އާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުޅުދުއްފުށީ ރެޑްޕާރލް އާދަމް ޝަރީފް މުހައްމަދު އާއި މާލެ، މ. އެސްޓަންވިލާ އަހުމަދު ސައީދު އެވެ.
ކުޅުދުއްފުށީ ސިޓީ މޭޔަރަކު ހޮވާ މިއިންތިހާބުގެ ފޯރަ ގަދަވަމުން އަންނަ އިރު ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ މޭޔާރު ކަމުގެ ޝަރަފު ލިބޭނެ މީހެއްގެ އިންތިޒާރުގައި ތިބި މީހުންވެސް މަދެއް ނޫނެވެ.
- އަބުދުﷲ އިގްބާލު:
ކެންޑިޑޭޓް ނަންބަރ 6 ކަމުގައިވާ ކުޅުދުއްފުށީ އާލަމް ގޭ އަބުދުﷲ އިގްބާލު އަކީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުރިމަތިލާ ކެނޑިޑޭޓެވެ. އިގްބާލުއަށް ޕާޓީގެ ޓިކެޓް ލިބިވަޑައިގަތީ އެޕާޓީއިން އިތުރު އެއްވެސް މީހަކު ޕްރައިމަރީގައި ވާދަނުކުރާތީއެވެ. އިގްބާލު އަކީ މިހާރު އަތޮޅު ކައުންސިލްގެ މުވައްޒަފެކެވެ. ޕީޕީއެމްގައި އަބަދުވެސް އިސްކޮށް އުޅުއްވާ އިގްބާލްއަކީ 1997 އަހަރުން ފެށިގެން ހިންގުމުގެ ދާއިރާ ގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. ވޭތުވެދިޔަ 24 އަހަރު އިގްބާލު މަސައްކަތް ކޮށްފައިވަނީ ކުރީގެ ހދ އަތޮޅު އޮފީސް، އަދި މިހާރު ހދ އަތޮޅު ކައުންސިލް އިދާރާގެ ހިންގުމުގެ އެކި އެކި މަޤާމްތަކުގައެވެ.
މެނޭޖްމަންޓް އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތައުލީމް ހާސިލްކޮށްފައިވާ އިގްބާލު އަކީ އިންޑިއާގެ ހައިދަރު އާބާދުން މަތީ ތައުލީމް ހާސިލްކޮށްފައިވާ ފަރާތެކެވެ.
އިގްބާލް އަކީ ސިޔާސީ ގޮތުން ކުޅުދުއްފުށީގައި ފާހަގަ ކުރެވޭ އައިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އިގްބާލްގެ ބައްޕައަކީ ކުޅުދުއްފުށީ މަޝްހޫރު "އިގްބާލް ކަތީބް" އެވެ.
- އަހުމަދު ސައީދު:
ކެންޑިޑޭޓް ނަންބަރ 7 ކަމުގައިވާ އަހުމަދު ސައީދު، މާލެ / މ. އެސްޓަންވިލާ އަކީ ކުޅުދުއްފުށީ މަޝްހޫރު އާއިލާއެއްކަމުގައިވާ "ރާޅު" އާއިލާގެ ބޭފުޅެކެވެ. ނޫސްވެރިކަމުގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަހުމަދު ސައީދު ވަނީ ހަވީރު ނޫހުގައި ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރައްވާފައެވެ.
ސަރުކާރު ޒިންމާދާރު ކުރުވާ ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރައްވައެވެ. "ފަހި ސިޓީ" އަކަށް ކުޅުދުއްފުށި ސިޓީ ހެދުމުގެ އަޒުމާއި މޭޔަރު ކަމަށް ވާދަކުރައްވާ ސައީދު ދަނީ އެސިޓީގައި ހުންނަނެ ކަންކަމުގެ ޕްލޭންތައް ކުރެހުމާއި އެކު ހިއްސާކުރައްވަމުންނެވެ. އެބޭފުޅާގެ ވިޝަންގެ ގޮތުގައި އެކަން އާންމުކުރައްވަމުން ގެންދަވައެވެ.
- އާދަމް ޝަރީފް މުހައްމަދު:
ކުޅުދުއްފުށީ ރެޑްޕާރލް ގޭ އާދަމް ޝަރީފް މުހައްމަދު މޭޔަރު ކަމަށް ކުރިމަތިލަނީ އަމިއްލަ ގޮތުންނެވެ. އާދަމް ޝަރީފަކީ ސިޔާސީ މައިދާނުގައި އާންމު މޫނެކެވެ. ކުޅުދުއްފުށީ ކައުންސިލަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް ވާދަކޮށްފައިވާ އާދަމް ޝަރީފްއަކީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ބޭފުޅެކެވެ.
ދުވަހު ނޫސް ހަވީރުގައި 5 އަހަރަށްވުރެ ގިނަ ދުވަހު ނޫސްވެރިކަމުގައި އުޅުމަށްފަހު އަމިއްލަ ވިޔަފާރީގައި ހަރަކާތްތެރިވާ އާދަމް ޝަރީފް އަކީ އެމްއެންޑީއެފްގައިވެސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އާދަމް ޝަރީފްގެ ކެނޑިޑޭޓް ނަންބަރަކީ 8 އެވެ.
- މުޙަައްމަދު ޢާޠިފް:
ކެންޑިޑޭޓް ނަންބަރ 9 ކަމުގައިވާ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކުޅުދުއްފުށީ ހިލްމަން، މުޙަައްމަދު ޢާޠިފް އަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގަތީ އެޕާޓީގެ ފަރާތުން ޕްރައިމަރީއަށް ހުޅުވާލި ފުރުސަތުގައި ވާދަކުރައްވާ ބޭފުޅާގެ ނަން ނެންގުމުންނެވެ. ޢާޠިފް އަކީ ކުޅުދުއްފުށީ އެމްޑީޕީގެ ހަރަކާތްތައް ފެށުނީންސުރެ އިސްސަފުގައި ހަރަކާތްތެރިވާ އެންމެ ދަންނަ ޒުވާން މޫނެކެވެ.
ޢާތިފް ވިދާޅުވާ ގޮތުން އެބޭފުޅާ މޭޔަރު ކަމަށް ކުރިމަތިލީ ކުޅުދުއްފުށީ ސިޓީ ޑެވެލޮޕްމަންޓް ޕްލޭން އަކާއި އެކުގައެވެ. އިޖްތިމާއި ކަންކަމާއި ކުލަބު ޖަމިއްޔާ ހިންގުމުގެ ތަޖުރިބާ ހުރި ޢާތިފް އަކީ މެނޭޖްމަންޓް ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށްފައިވާ ބޭފުޅެކެވެ.
ކުޅުދުއްފުށީ ސިޓީގެ ކެމްޕޭން މަޝްރަހު:
ކޮންމެ އިންތިހާބެއްގައިވެސް ކުޅުދުއްފުއްޓަކީ ވަރަށް ފޯރިއާއި އެކު ކެމްޕޭން ކުރާ ބަޔަކު ދިރިއުޅޭ ރަށެކެވެ. ސިޔާސީ ފޯރީގައި ކޮންމެ އިންތިހާބެއް ނިންމާލަކީ ޖޯޝާއި ފޯރީގައެވެ. ރަށު ފޯރިއާއި ޕާޓީގެ ވާދަވެރިކަމާއި އެކުގައެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް ކުޅުދުއްފުށި ކުރިމަތިލީ ތަފާތު ބޮޑު މަސްއޫލިއްޔަތަކާއި އެކުގައެވެ. އެއީ ސިޓީއަކަށް ބަދަލުވުމުން އިތުރުވި ޒިންމާއެވެ. އެހެނަސް މިއިންތިހާބުގައި ކުރިން ފެންނަ ފޯރި ނުފެންނަކަން ފާހަގަކޮށްލެވެއެވެ. ކޮވިޑްގެ ބަލިމަޑުކަމާއި އެކު އިންތިހާބުގެ ފޯރި ގިނަ ހިސާބުތަކުގައި ފަނޑުވިގޮތަށް ކުޅުދުއްފުށިންވެސް އެމަންޒަރު ކޮންމެވެސް ވަރަކަށް އެބަފެނެއެވެ. އެހެނަސް ވެރިކަން ކުރާ އެމްޑީޕީގެ ކުޅުދުއްފުށީ ކެމްޕޭނުން އެއަސަރު ނުފެނުމަކީ ކޮވިޑްގެ ހާލަތައް ރިއާޔަތް ކުރެވެން ނެތް އެއްސަބަބެވެ.
ކެމްޕޭން ތަކުގައި ކޮންމެ އަހަރަކުވެސް ހަރަކާތްތެރިވާ ކުޅުދުއްފުށީ ރައްޔިތަކު ތިލަދުންއަށް ވާހަކަ ދައްކަވަމުން ވިދާޅުވީ "މިރަށުގައި ކެމްޕޭން ކުރާތަން ފެންނަނީ އެމްޑީޕީ މީހުން. ހީވަނީ މިއީ އެމްޑީޕީ ޕްރައިމަރީއެއްހެން." ކަމަށެވެ.
ރަށުތެރެއަށް ފޮޓޯތަކަށް ބަލާލާއިރު ފެންނަނީ އެބުނާ މަންޒަރެވެ. އިދިކޮޅު ޕާޓީގެ ފޯރި ކުޅުދުއްފުށިން މިއިންތިހާބުގައި ވަރަށް ކުޑަވެފައިވާކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެމްޑިޕީ ޖަގަހަ އިން ކެމްޕޭން ހަރަކާތްތައް ފެންނައިރު އެހެން ކެނޑިޑޭޓްގެ ޖަގަހަ އެއް ފެންނަން ނެތްކަން ގިނަ މީހުން ފާހަގަކުރަނީ އެހެންވެގެންނެވެ. ހާއްސަކޮށް އިދިކޮޅު ޕާޓީގެ ޖަގަހަ ނެތްކަން ފާހަގަ ކުރެއެވެ. ރަށުތެރެއަށް ބަލާލާއިރު އެމްޑީޕީގެ 100 އަށް ވުރެ ގިނަ ބެނާ އެކި މަގުތަކުން ފެންނައިރު ޕީޕީއެމް ބެނާ ފެންނަން ނެތުމަކީ އެޕާޓީއިން މިއިންތިހާބުގައި ކުޅުދުއްފުށީ ސިޓީ އަށް އިސްކަން ނުދޭ ކަމަށް ބުނަން ޖާގަލިބޭ ފުރުސަތެކެވެ. ކުރީ އިންތިހާބުތަކުގައި ޖަލްސާތައް ބާއްވާ އިރު މިއިންތިހާބުގައި އެމްޑީޕީ އިން 8 ޖަލްސާއިން ކެނޑިޑޭޓް ފެނިފައިވާއިރު އިދިކޮޅު ޕާޓީގެ އިތުރުން އަމިއްލަ ކެނޑިޑޭޓްގެ ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ.
ކުޅުދުއްފުށީ ސިޓީ މޭޔަރު ކަމާއި ސިޓީ ކައުންސިލްގެ އިންތިހާބުގެ ފޯރި ކުޅުދުއްފުށީ ސިޓީ އިން ދަށްކަން ފާހަގަ ކުރެވެއެވެ. ވެރިކަން ކުރާ ޕާޓީއިން ކެމްޕޭންގައި އަވަދިނެތި މަގުތަކާއި ޖަގަހައިން ފެންނައިރު ދެން ތިބި ކެނޑިޑޭޓުން ފެންނަނީ ޑޯޓުޑޯ އިންނެވެ. ފާޅުފައި ވައުދުވެ ޕޯޑީއަމްތަކުން ވާހަކަ ދައްކާ އަޑެއް ނީވެއެވެ.
ކުޅުދުއްފުށީ ސިޓީ މޭޔަރު ކަމަށް 4 ބޭފުޅެއް ކުރިމަތިލާފައިވާއިރު ކުޅުދުއްފުށީ ސިޓީ ތާރީހީ މޭޔަރުކަމުގެ މަޤާމަށް އަންނާނެ މީހެއް އިނގޭނީ ވޯޓު ގުނާ ނަތިޖާ ލިބިގެންނެވެ. މިހާރު އަންދާޒާ ކޮށްލަން އިނގޭނީ ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކާއި ކެނޑިޑޭޓުންގެ ޤާބިލިއްޔަތުކަމަށް ބިނާކޮށް ނިންމާ ނިންމުމަކުންނެވެ.
ކުޅުދުއްފުށީ ސީޓީ ފުރަތަމަ މޭޔަރުކަން ވާނީ ކޮން ބޭފުޅެއް ހެއްޔެވެ؟ ތިޔަބޭފުޅުންގެ ޚިޔާލަކީ ކޮބައިތޯއެވެ؟
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!