ފެށިގެން މިދިޔައީ އެމަހަކަށްޓަކައި އަޅުގަނޑުމެން އިންތިޒާރު ކުރަމުން އައި މާތް ވެގެންވާ ރަމަޟާން މަހެވެ. އަޅުކަމުގެ ބަހާރު މޫސުމެކެވެ. މުޖުތަމަޢުގެ އަޚުލާޤީ ފޭރާން ރިވެރިވެ ސާފުވެގެންދާ ދުވަސްވަރެކެވެ. މިމަސް އަޅުގަނޑުމެންނާ ކުރިމަތިލާފައި މިވަނީ ވަރަށް އުފާވެރި ޚަބަރު ތަކަކާއެކުއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި ވެއެވެ.

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِينُ وَمَرَدَةُ الْجِنِّ وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ. وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ وَيُنَادِي مُنَادٍ يَا بَاغِيَ الْخَيْرِ أَقْبِلْ وَيَا بَاغِيَ الشَّرِّ أَقْصِرْ وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ كُلَّ لَيْلَةٍ ‏"‏ ‏. (الترمذي (682))

Ad
rt

މާނަ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ: "ރަމަޟާން މަހުގެ ފުރަތަމަ ރޭ އައުމުން ޝައިޠާނުންނާއި ޖިންނީންގެ ތެރެއިންވާ މާރިދުންތައް ކަސްތޮޅު އެޅެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދުވެއެވެ. އޭގެއިން އެއްވެސް ދޮރެއް ނުހުޅުވޭނެއެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އޭގެއިން އެއްވެސް ދޮރެއް ނުލެއްޕޭނެއެވެ. އަދި ގޮވާލާ ފަރާތަކު ގޮވާލައްވާނެއެވެ. "އޭހެޔޮކަންކަމަށް އެދޭމީހާއެވެ. އަވަހަށް ހެޔޮކަންކަމަށް ކުރިމަތިލާށެވެ. އަދި އޭ ނުބައިކަންކަމަށް އެދޭމީހާއެވެ. ނުބައިކަންކަން ކުރުން ހުއްޓާލާށެވެ." އަދި (މިމަހުގެ) ކޮންމެ ރެއެއްގައިމެ ﷲ މީސްތަކުންގެ ތެރެއިން ބަޔަކު ނަރަކައިން ސަލާމަތްކުރައްވައެވެ."

މި ޙަދީޘްފުޅުން ވަރަށް ރަނގަޅަށް އެނގިގެން ދިޔަފަދައިން ރަމަޟާން މަހަށް ހަނދު ބަލައި އަހަރެމެންނާ މިމަސް ބައްދަލު މިވީ އަޅުކަން ކުރުމަށް ވަރަށް ގިނަގުނަ ފަސޭހަ ތަކަކާއި "ހިތްވަރުދިނުން" ތަކަކާއެކުއެވެ. އެގޮތުން ބަލާއިރު:

ފުރަތަމަކަ މަކަށް: އަޅުގަނޑުމެން މަގުފުރައްދައި ﷲއަށް އަޅުކަން ކުރުމުން ދުރުކުރުމަށްޓަކައި އަބަދުމެ ކެނޑިނޭޅި މަސައްކަތް ކުރާ ޝައިޠާނުންތައް މިވަނީ އަޅުގަނޑުމެންނާ ދުރުކުރެވި، ކަސްތޮޅު އެޅުވިފައެވެ.

ދެވަނަ ކަމަކަށް: ފާފަ ކުރާ މީހާ އަށް ފާފަ ތަކުން ދުރުވުމަށްވާ ހިތްވަރެއްގެ ގޮތުގައި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވުން ވެއެވެ. އެހެނީ ބުނެވޭ ކަހަލައެވެ. "ތިބާ ތިޔަ ދަނީ މި ދޮރުން ވަންނަން ހެއްޔެވެ؟ އުޅުން އިޞްލާޙުކުރާށެވެ. އޭރުން މި މަހުގައި މި ދޮރު ލެއްޕުނު ފަދައިން ތިބާއަށް ނަރަކައިން ސަލާމަތްވެވިދާނެއެވެ."

ތިންވަނަ ކަމަކަށް: ހެޔޮ ޢަމަލުކުރާމީހުން ހެޔޮ ޢަމަލުތައް ގިނަކުރުމަށް ހިއްވަރުދެއްވުމަށްޓަކައި ސުވަރުގޭގެ ދޮރުކޮޅުތައް މިވަނީ ހުޅުވިފައެވެ. ބުނެވޭ ކަހަލައެވެ. ރަމަޟާން މަސް ނޫން މަސްތަކުގައި ތިބާ ހެޔޮ ޢަމަލުތައް ކުރަމުން ދިޔަ ފަދައިން މިމަހުގައި ތިޔަ ހެޔޮ ޢަމަލުތަކާއި އަޅުކަންތައް ކުރުމުގައި ބޮޑަށް ހީވާގި ވެލާށެވެ. އޭރުން ތިބާއަށް إن شاء الله މިދޮރުން ސުވަރުގެ ވަދެވިދާނެއެވެ."

ހަތަރުވަނަ ކަމަކަށް: ﷲ ތަޢާލާ ރަމަޟާން މަހުގެ ކޮންމެ ރެއެއްގައި އެތައް ބަޔަކު ނަރަކައިން މިންޖު ކުރައްވަތެވެ. އޭގެ ތެރެއިން ވުމަށްޓަކައި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ، އެއިލާހު ތިބާ އަށް މި މަތިވެރި ޝަރަފު ދެއްވަފާނެއެވެ. އަދި ބާއްޖަވެރިއެއް ކަމުގައި ލައްވަވާފާނެއެވެ.

އެހެންކަމުން ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިމަހުގެ މަތިވެރިކަން ހިތައް ގެނެސް، މިމަހުގައި އަޅުކަން ކުރުން ގިނަކުރުމަށް އަޒުމް ކަންޑައަޅައި، އަޅުކަމުގައި ހީވާގި ވެލައްވާ!