ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ރޭޑިއޮލޮޖީގެ ޑިޕްލޮމާ ކޯހެއް ތައާރަފު ކޮށްފިއެވެ.
މިއަދު ތައާރަފު ކުރި މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ މެއި މަހުގައި ކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ފުރަތަމަ ބެޗުގައި 20 މީހުންނަށްފުރުސަތު ހުޅުވާލާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މި ކޯސް ފެށުމަށް ބޭނުންވާ ލެބޯޓްރީ އާއި ޓްރެއިނިން ސެންޓަރު ވެސް މިހާރި ވަނީ ގާއިމް ކޮށްފައެވެ. މި ސެންޓަރު ހަދާފައިވަނީ ޖެނެރަލް އިލެކްޓްރޯނިކް ހެލްތު ކެއާއާ ގުޅިގެންނެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ދިވެހިން ހިދުނަތް ދޭ ގޮތަކަށް ބޭރު މީހުންނަށް ހިދުމަތް ނުދެވޭނެ ކަމަށެވެ. އެހެންކަމުން ރޭޑިއޮލޮޖީ ދާއިރާއިން ގިނަދިވެހިން ތަމްރީން ކުރަން ޖެހޭ ކަމަަށް އޭނާ ވިދާޅުވިއެވެ.
"ދިވެހިން ދޭ ހިދުމަތާ އެއްވަރަށް އެ އޯގާތެރިކަމާއެކު ބޭރު މީހުންނަށް ހިދުމަތް ނުދެވިދާނެ. މި ކޯހުގެ ސަބަބުން މި ދާއިރާއަށް ދިވެހިން ތައާރަފުވެ ހިދުމަތުގެ ފެންވަރުރަނގަޅު ވާނެ،" ނަސީމް ވިދާޅުވިއެވެ.
އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ރޭޑިއޮލޮޖީ ދާއިރާއިން ދިވެހި ޒުވާނުން ކުރިއެރުވުމަށް ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަށެވެ. އެހެންކަމުން މި ކޯހުގެ ފުރަތަމަ ބެޗުގައި ބައިވެރިވާ ހުރިހާ ކުދިންގެ ފީ ދައްކާނީ އިޖުތިމާއީ ޒިންމާގެ ދަށުން އެސްޓީއޯއިން ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ޓެކްނިކަލް މަސައްކަތަކަށްވެފައި މުސާރަ ރަނގަޅު ދާއިރާއަކަށްވުމުން ފުރުސަތު ލިބިއްޖެ ނަމަ ދިވެހިން މި ދައިރާއަށް ޗައުގުވެރިވާނެ. ކުރިއަށް އޮތްތާނގައި މިދާއިރާއިން ގިނަ ދިވެހިން ފެނުމަކީ އަޅުގަނޑުގެ އުއްމީދެއް" އަމްރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!