ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށް ބާއްވާ، "ބަދަހި އަމާން މުޖުތަމަޢެއް ބިނާކުރުމުގައި ދީނީ ޢިލްމުވެރިންގެ ދައުރު" ގެ ނަމުގައި ވެބިނަރ އެއް ފަށައިފި އެވެ

ދިވެހިރާއްޖޭގައި ހަރުކަށިފިކުރު ފެތުރުން ހުއްޓުވުމާއި މުޖުތަމަޢުގެ އަމާންކަމާއި ބަދަހިކަން ބިނާކުރުމާއި ބެހޭގޮތުން ހިންގާ ވެބިނަރ ފަށާފައިވަނީ މިއަދު އެވެ.

Ad
rt

މި ވެބިނަރގެ މަޤްޞަދަކީ ދީނުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އަލީގައި ބަދަހި އަމާން މުޖުތަމަޢެއް ބިނާކުރުމުގައި ދީނީ ޢިލްމުވެރިންގެ ދައުރު ފުޅާކޮށް، ހަރުކަށިފިކުރުގެ ނުރައްކަލުން ފަރުދުން ދުރުކުރެވޭނެ ގޮތްތައް ދެނެގަނެ، ކްރިޓިކަލް ތިންކިންގގެ ހުނަރު އިތުރުކޮށް، ޑިޖިޓަލް މީޑިއާއަށް އަހުލުވެރިކުރުވުމާއި، ތަހައްމަލުކުރުމުގެ އާދަ އަށަގެންނެވުމާއި، އަނެކުންގެ ފުރާނައާއި މުދާ ރައްކާތެރިކޮށް ފަރުދުންގެ ޙައްޤުތަކަށް އިޚްތިރާމްކުރުގެ ޘަޤާފަތް އަށަގެންނެވުންކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ އިން މަޢުލޫމާތުދެ އެވެ.

މި ވެބިނަރ ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އެން.ސީ.ޓީ.ސީގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރެވެ. ޑައިރެކްޓަރ ޖެނެރަލްގެ ވާހަކަފުޅުގައި ދިވެހިރާއްޖެ ފަދަ އެއްދީނަކަށް ނިސްބަތްވާ އެއްނަސްލެއްގެ ބަޔަކު އުޅޭ ޤައުމެއްގައި ދީނީ ޚިލާފުވުންތައް އުފައްދާ ހަރުކަށިފިކުރާއިގުޅިގެން މުޖުތަމަޢު ބައިބައިވެ ހަލާކުވުމުން ސަލާމަތްކުރުމުގައި ދީނީ ޢިލްމުވެރިންގެ ދައުރުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި ވެބިނަރ އަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އަދި އިންޑިޔާގެ މަނިހާރު ޕައްރިކާރު އިންސްޓިޓިއުޓް ފޮރ ޑިފެންސް އެންޑް ސެކިއުރިޓީ އެނެލިސިސް ގުޅިގެން ދީނީ ޢިލްމުވެރިންނަށް ހިންގާ ޕްރޮގްރާމެކެވެ.

މި ވެބިނަރގެ ސެޝަންތައް ނަންގަވައިދެއްވާނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ، ފަޟީލަތުއްޝައިޚް އަލްއުސްތާޛު އިބްރާހީމް އަޙުމަދު، އިޑްސާގެ ކޯރޑިނޭޓަރ ފޮރ ކައުންޓަރ ޓެރެރިޒަމް ސެންޓަރ، ޑރ. އާދިލް ރަޝީދު، އަދި އިސްލާމިކް ޔުނިވަރސިޓީގެ ކޮންސަލްޓަންޓް ޑރ. ޢަބްދުލްޙައްޤު ބޭކަރއެވެ. މި 3 ދުވަހުގެ ވެބިނާގައި އެން.ސީ.ޓީ.ސީގެ ޑިޖިޓަލް ޕާރޓްނަރއަކީ އޫރިދޫ މޯލްޑިވްސް އެވެ. ތިން ދުވަހުގެ މުއްދަތަށް ހިންގޭ މި ވެބިނަރގައި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ތެރެއިން 60 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށްގެން އެން.ސީ.ޓީ.ސީގެ ފަރާތުން ދެ މަސައްކަތު ބައްދަލުވުމެއް 2019 ވަނަ އަހަރުވެސް ހިންގިފައިވެއެވެ.