ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ކުންފުނިތައް އުފައްދައި ވިޔަފާރި ކުރުމުގެ ހުއްދަ ދީ ގަވާއިދު އާއްމުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އާއްމު ކުރި ގަވާއިދުގައި ބުނެފައިވާގޮތުގައި ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ނުވަތަ އަތޮޅު ކައުންސިލަށް އަމިއްލައަށް ނުވަތަ ބަޔަކާ ގުޅިގެން ކުންފުނި އުފެއްދުމުގެ ހުއްދަ ލިބޭނެއެވެ. މިގޮތަށް ކުންފުނި އުފައްދަން އެދެވޭނީ އެ ކައުންސިލެއްގެ މެމްބަރުންގެ އަޣްލަބިއްޔަތު ލިބިގެން ކަމަށް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

Ad
rt

އާއްމު ފަރުދުންނާއެކު އުފައްދާ ކުންފުނީގައި ކައުންސިލްގެ ހިއްސާ 20 ޕަސެންޓަށްވުރެ ބޮޑުވެގެން ނުވާނެއެވެ. އަދި މިފަދަ ކުންފުންޏެއް އުފެއްދޭނީ އެ ސިޓީއެއްގައި ނުވަތަ އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި ހިނގަމުންދާ ވިޔަފާރިތަކަށް ކުރާނެ އަސަރު ދެނެގަނެ، ވަޒީފާ އުފެދޭނެ މިންވަރު ބަލައި، އުފެއްދުންތެރިކަމަށް ހިއްސާކުރާނެ މިންވަރު ދެނެގަތުން ފަދަ ކަންކަމަށް ރިއާޔަތް ކޮށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިހާރު ކައުންސިލުތަކުން އަމިއްލަ ނަމުގައި ކުރާ ވިޔަފާރިތަކުގެ ތެރެއިން، ކައުންސިލް ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި، ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގަން ބޭނުންވާނަމަ ކުރިއަށް އޮތް ނުވަ މަސް ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ގަވާއިދާއެކު ރާއްޖޭގެ އިގްތިސާދު ލާމަރުކަޒީވެ، އެކި ކަންކޮޅުތަކުގައި އެކި ސިނާއަތްތައް ތަރައްގީކުރެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ކައުންސިލުތައް ބާރުވެރިކުރެވި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.