ފޭސްބުކް ބޭނުންކުރާ މީހުންގެ 533 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ލީކުވެއްޖެއެވެ.

މައުލޫމާތު ލީކުވި މީހުންގެ ތެރޭގައި ރާއްޖޭގެ 86،337 މީހުން ހިމެނެއެވެ. މި މައުލޫމާތު ލީކު ކޮށްފައިވަނީ ހެކިން ވެބްސައިޓެއްގައެވެ.

Ad
rt

ލީކުވި މައުލޫމާތުގެ ތެރޭގައި އެ މީހުންގެ ނަންބަރާއި ލޮކޭޝަން އަދި ފުރިހަމަ ނަމާއި އީމެއިލް އެޑްރެސް ހިމެނެއެވެ. މި މައުލޫމާތު ބޭނުންކޮށްގެން ހެކަރުންނަށް އޮންލައިން ޕްލެޓްފޯމުތަކުގައި އެ މީހުންނަށް ހެދިގެން އުޅެވޭނެއެވެ.

ފޭސްބުކް ލީކުގެ މައުލޫމާތު ފަޅާ އަރުވާލި ގެއިލް އެންމެ ފުރަތަމަ މިވާހަކަތައް ދެއްކީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. އޭނާ ބުނިގޮތުގައި ކުރިން މި މައުލޫމާތު ހުރީ ފައިސާދައްކައިގެން ލިބޭ ގޮތަށެވެ. ނަމަވެސް މިހާރު މައުލޫމާތު އެ ވެބްސައިޓުގެ ހުރިހާ މެމްބަރުންނަށް ފެންނަ ގޮތަށް ވަނީ ލީކުކޮށްފައެވެ.

މިކަމާ ގުޅިގެން ބޭރުގެ މީޑިއާތަކުން ދަނީ ފޭސްބުކްގެ ބަހެއް ހޯދަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިހާތަނަށް އެ ކުންފުނިން އެއްވެސް ޖަވާބެއް ދީފައިނުވެއެވެ.

މިއީ ފޭސްބުކުން މީހުންގެ ޒާތީ މައުލުމާތު ލީކުވި ފުރަތަމަ ފަހަރެއް ނޫނެވެ. 2019 ވަނަ އަހަރުވެސް އެ ޕްލެޓްފޯމް ބޭނުންކުރާ ގިނަ ބައެއްގެ މައުލޫމާތު ލީކުވިއެވެ.

ގެއިލް ބުނިގޮތުގައި މިކަމަށް މިހާރު ފޭސްބުކަށް ކުރެވޭނެ މާކަ ބޮޑުކަމެއް ނެތެވެ. ނަމަވެސް މައުލޫމާތު ލީކުވި މީހުންނަށް އެކަން އަންގައި ސްކޭމްތަކުން ސަލާމަތްވުމަށް އިންޒާރު ދެވޭނެ ކަމަށް އޭނާ ބުންޏެވެ.