ރާއްޖޭގައި މިޔަރު މަސްވެރިކަމަށް ހުޅުވާލާތީ މިޔަރުގެ ހިމާޔަތުގައި މަސައްކަތްކުރާ އިންޓަރނޭޝަނަލް ޖަމިއްޔާއެއް ކަމުގައިވާ "ޝާކް ޕްރޮޖެކްޓް" އިން ކަންބޮޑުވުން ފާޅުކޮށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފި އެވެ.

އެޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަށް އެޑްރެސްކުރައްވާ ފޮނުވާފައިވާ ވަނީ، މާކަނޑުގައި މިޔަރު މަސްވެރިކަން ކުރަން ހުއްދަ ދިނުމުގެ ވިސްނުން މިނިސްޓްރީ އޮފް ފިޝަރީޒް އިން ގެންގުޅޭކަން މަޖިލީހުގެ ޖަލްސާއެއްގައި މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވުމާއި ގުޅިގެންނެވެ.

Ad
rt

އެޖަމިއްޔާގެ ސިޓީގައި ބުނެފައިވަނީ ވަކިބާވަތެއްގެ ނަސްލު ޙިމާޔަތްކުރުމުގެ މަޤްސަދުގައި މަސައްކަތްކުރާ ޖަމާޢަތެއްގެ ގޮތުން އެއީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

މީގެއިތުރުން އެސިޓީގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ޓޫރިޒަމް ގެ ޚިދްމަތްދޭ ފަރާތްތަކާއި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ގުޅިގެން އެޖަމްޢިއްޔާއިން މަސައްކަތްކުރަމުން އަންނަތާ މިހާރު އެތަކެއް އަހަރުވެއްޖެ ކަމަށެވެ. އަދި އެ ޖަމިއްޔާގެ މަސައްކަތް އަމާޒުކުރެވިފައިވަނީ ދެމެހެއްޓެނިވި ކާމިޔާބު ޓޫރިޒަމް އަކަށް މަގުފަހިކުރުމުގެ ގޮތުން ކަނޑުތައް ރައްކާތެރިކުރުމާއި އަދި މިކަންތައްތަކާއިގުޅިގެން ޤުދުރަތީ ވެށްޓަށް އަންނަ ހެޔޮބަދަލުގެ އަސަރު އިޤްތިސާދަށާއި މީހުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ޤައުމުގެ މިނިވަންކަމާއި ހެދިފައިވާ އަދި ޢަމަލުކުރެވެމުންދާ ޤާނޫނުތަކާއި ޤަވާޢިދު ތަކަށާއި އަދި ސިޔާސީ ގޮތުން ނިންމާ ހުރިހާ ނިންމުމަކަށް އެޖަމިއްޔާއިން ފުރިހަމައަށް އިޙުތިރާމް ކުރާ ކަމަށް ވެސް މި ސިޓިގައި ބުނެފައިވެއެވެ.

މި މައްސަލައިގެ ސަބަބުން، ދުނިޔޭގެ މަޤްބޫލު ޓުއަރިސްޓް މަންޒިލެއްގެގޮތުގައި މަޝްހޫރުވެފައިވާ ދިވެހިރާއްޖެއަށް ނުރަނގަޅު އަސަރުތަކެއް ކޮށްފާނެ ކަމަށާއި މިޔަރަށް ރައްކާތެރިކަން ދިނުން ހުއްޓާލުމުގެ ސަބަބުން، 2012 ވަނައަހަރު ދިވެހިރާއްޖެއަށް ލިބިފައިވާ "ޝާރކް ގާޑިއަން އޮފްދަ އިޔަރ 2012" ގެ ލަޤަބަށް އުނިކަން ލިބި މިއީ ފަހަތަށް އެޅުނު ފިޔަވަޅެއްކަމުގައި ނޫނީ ނުބެލެވޭނެ ކަމަށެވެ. މި ލަޤަބު ނުވަތަ އިނާމު އޭރު ލިބުނީ މުޅި ދިވެހި ރާއްޖެ ހިމެނޭ ނުވަދިހަހާސް އަކަ ކިލޯމީޓަރ ގެ ސަރަޙައްދަކީ 2010 ވަނަ އަހަރުއްސުރެ، މިޔަރަށް ޙިމާޔަތް ލިބިގެންވާ ސަރަޙައްދެއް ކަމަށް ކަނޑައެޅުމުން ކަމަށާއި އަދި އޭރުއްސުރެ މިޔަރާއި ގުޅޭ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް މަނާކުރެވިފައިވާތީ ކަމަށެވެ. މިޔަރު ޙިމާޔަތްކުރުމުގައި ދިވެހިރާއްޖެ އެ އިރު އެ ނެގި ފިޔަވަޅަކީ މުޅިދުނިޔެއިން ވެސް މިޔަރުގެ ޙިމާޔަތުގައި އަލަށް ނެގި ފިޔަވަޅެއް ކަމަށްވެސް މި ސިޓީގައި ބުނެފައިވެއެވެ.

އުއްމީދަކީ ރައްޖޭގައި މިޔަރަށް ދެވިފައިވާ ޤާނޫނީ ހިމާޔަތް އެގޮތުގައި ދެމިއޮންނާނެ ކަމަށް، އަދި ކުރިޔަށްއޮތް ތަނުގައި މިފަދަ ކަންތައްތައް އިތުރަށް ހަރުދަނާވުން، އަދިވެސް މަރުވެފައިވާ މިޔަރަކަށްވުރެ ދިވެހިރާއްޖެއަށް ފައިދާބޮޑުވާނީ ދިރޭ މިޔަރެއް އޮތުމުން

އެސިޓީގައި ބުނެފައިވެއެވެ.

ދާދިއަވަހަށް އަނެއްކާވެސް ޓޫރިޒަމް ފެށި، މި ކަނޑުތަކާއި މޫދުގެ ހިތްގައިމުކަން ދުށުމަށްޓަކައި ފަތާމީހުންނާއި ފީނުންތެރިންނާއި ކަނޑުގެ ޤުދުރަތީވެށި ބަލަން ޝައުޤުވެރިވާ މީހުންތައް އަންނަން ފަށާނެ ކަމަށްވެސް ޝާކް ޕްރޮޖެކްޓުން ބުނެފައިވެއެވެ.

މީގެ އިތުރުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށް އަންނަނީ އޮންލައިން ޕެޓިޝަނެއްވެސް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް މިޕެޓިޝަންގައި 20000 ހާހަށްވުރެއް ގިނަމީހުން ވަނީ ސޮއިކޮށްފައެވެ.

"ޝާކް ޕްރޮޖެކްޓް" ގެ މައި އޮފީސްތައް އޮސްޓްރިއާ އާއި ޖަރމަނީ އާއި އަދި ސްވިޓްޒަރލޭންޑް ގައި ޤާއިމްކުރެވިފައިވެއެވެ. އަދި ދިވެހިރާއްޖޭގައި ޓޫރިޒަމް ގެ ޚިދްމަތްދޭ ފަރާތްތަކާއި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ގުޅިގެން އެޖަމްޢިއްޔާއިން މަސައްކަތްކުރަމުން އަންނަތާ މިހާރު އެތަކެއް އަހަރުވެއްޖެ ކަމަށް އެޖަމިއްޔާއިން ބުނެފައިވެއެވެ.

އެ ޖަމިއްޔާގެ މަސައްކަތް އަމާޒުކުރެވިފައިވަނީ ދެމެހެއްޓެނިވި ކާމިޔާބު ޓޫރިޒަމް އަކަށް މަގުފަހިކުރުމުގެގޮތުން ކަނޑުތައް ރައްކާތެރިކުރުމާއި އަދި މިކަންތައްތަކާއިގުޅިގެން ޤުދުރަތީ ވެށްޓަށް އަންނަހެޔޮ ބަދަލުގެ އަސަރު އިޤްތިސާދަށާއި މީހުންނަށް ފޯރުކޮށްދިނުން ހިމެއެވެ.