މާލޭ ސިޓީގެ ރައްޔިތުން ބޭނުން ވަނީ ގުޅީފަޅަކީ، އެ ރައްޔިތުންގެ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަަކާއި ކެމްޕޭން ލަވަ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިންތިޚާބަށް ނުކުމެތިބި ޕީޕީއެމް ކެންޑިޑޭޓުންނަކީ، ތަރައްޤީގެ ވިސްނުމުގައި، ތަރައްޤީ ގެނައުމުގައި ކަންކަން ކުރާނެގޮތުގެ ތަޖުރިބާއާއި ތަޢުލީމާއި އެކީ މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ބައްޓަން ކުރުމުގެ ހިތްވަރާއި އަޒުމްގައި ނުކުމެތިބި ކެންޑިޑޭޓުން ކަމަށެވެ.
ރައްޔިތުން ނިންމާ ނިންމުން ނިންމާއިރުގައި ވިސްނަންވީ ޕާޓީ ލައިނަކުން ނޫން ކަމަށް ވިދާޅުވެ، ޑރ. މުޢިއްޒު ވިދާޅުވީ، ވިސްނަންވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ކަންކަން ހައްލު ކުރުމުގައި އެންމެ ރަނގަޅު ނަތީޖާ ނެރެދެވެން އޮތް ގޮތަކީ ކޮބައިތޯ ކަމަށާއި، ގޮތް ނިންމަންވީ އެގޮތް ބަލައިގެން ކަމަށެވެ.
''ތިމާހުރި ޕާޓީން ނުކުމެ ހުރި ކެންޑިޑޭޓްތޯ ނުވަތަ ނޫންތޯއެއް ޚިޔާރު ކުރާނީ، އެންމެ ރަނގަޅަށް ނަތީޖާ ނެރެދެވޭނީ ކޮން ބަޔަކަށްތޯ، އެންމެ ރަނގަޅަށް އިޚްލާސްތެރިކަމާއެކު ރައްޔިތުން އިސްކުރާނީ ކޮންބަޔެއްތޯ، ރައްޔިތުންގެ ފަޅީގައި އެންމެފަހު ސިކުންތާ ޖެހެންދެން ވެސް ތިބޭނީ ކޮންބަޔެއްތޯ، ސަރުކާރުގެ ސިޔާސަތާއި ރައްޔިތުންގެ ވިންދާ ދިމާނުވާ ހާލުގައި ރައްޔިތުން އިސްކުރާނީ ކޮންބަޔެއްތޯ، މިވަގުތައް ބަލާނަމަ ރައްޔިތުންގެ ވިންދަކާ ދިމަލެއްނުވޭ ސަރުކާރުގެ ސިޔާސަތު ގުޅީފަޅާމެދު ކަންތައް ކުރާގޮތް، ރައްޔިތުން ބޭނުންވަނީ ގުޅީފަޅަކީ މާލޭގެ ރައްޔިތުންގެ ގެދޮރުވެރިކަމުގެ މަންޒިލަކަށް ހަދަން، މިއީ ދެބަސް ނުވެވޭ ހަޤީޤަތެއް ސަރުކާރުގެ ސިޔާސަތު އެޔާ ދިމާއިދިކޮޅު،''
ޑރ. މުޢިއްޒު ވިދާޅުވިއެވެ.
''އަޅުގަނޑު މިދައްނަވާ ވާހަކައަކީ އިރާދަކުރެއްވިއްޔާ ރައްޔިތުން އަޅުގަނޑަށް އިތުބާރުކުރަށްވާ، ފުރުޞަތު ދެއްވައިފިނަމަ ފުރަތަމަ ދުވަހުންފެށިގެން މަސައްކަތް ފަށާނަމޭ، ރައްޔިތުންނާއެކީގައި ރައްޔިތުންގެ އަޑު އަހައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަންކޮށްދޭތޯ ގުޅީފަޅުގެ މައްސަލާގައި، ސަބަބަބީ ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ އިންސާނީ ޙައްޤަކަށްވާތީ، އެ އިންސާނީ ޙައްޤަށްވުރެ އިސްކަންދޭންޖެހޭ އެހެންކަމެއް ސަރުކާރަކަށް އޮވެގެންނުވާނެ،''
ޑރ. މުޢިއްޒު އިތުރަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާލޭގެ ރައްޔިތުން މިއަދު އުޅެނީ ވަރަށް ތޮއްޖެހިގެން ވަރަށް ނިކަމެތިހާލެއްގައި ކަމަށެވެ. މިސަރުކާރުން، ކުރީ ސަރުކާރުން ދީފައިވާ ފްލެޓްތައް އަތުލި ނަމަވެސް އަދިވެސް ހަގީގަތް ބަދަލެއްނުވާ ކަމަށާއި، ރައްޔިތުން އުޅެމުންދަނީ ވަރަށް ހާލުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
''ދާއިމީ ހައްލެއް ލިބިގެންދާނީ ގޯތި ބެނުން ރައްޔިތުންނަށް ގޯތި ލިބޭނޭގޮތް ހަމަޖެހިގެން، ފްލެޓް ބޭނުންވާ ރައްޔިތުންނަށް ފްލެޓް ލިބޭނޭގޮތް ހަމަޖެހިގެން، އެކަމަށް ހުރަސްއެޅޭ ސިޔާސަތުތަކެއް ގެންގުޅުމަކީ ރަނގަޅުކަމެއް ނޫން، ސަރުކާރާއެކީގައި އެންމެ އިސްވެ މަސައްކަތްކުރާނަން ނަމަވެސް ސަރުކާރުން ވެސް ރައްޔިތުން ބޭނުންވާގޮތަށ ކަންކަން ކުރަން މަސައްކަތް ކުރަންވާނެ، ރައްޔިތުންނަށް ރަނގަޅުކަންކަން ކުރުމުގައި އެއްބާރުލުން ދޭނަން.'' ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ދެެއްކެވި ވާހަކާގައި ވަނީ، ކޯވިޑް ސަބަބުން މިދިޔަ އަހަރުގެ މާރިޗް މަހުން ފެށިގެން ކަރަންޓް ބިލާއި ފެން ބިލް ނުދެއްކޭ އެތައް ޢާއިލާއެއް މާލޭގައި އެބަތިބިކަން ފާހަަގަ ކުރަށްވައި ވާހަކަ ދައްކަވާފަ އެވެ.
އެފަދަ ޢާއިލާތަކުގެ ބިލްތައް ދަނީ މަތި މައްޗަށް ފުނިޖެހުމުން ކަމަށާއި، ބިލްތައް ނުދެއްކިގެން އާދޭސް ކޮށްގެން އެއްވެސް ގޮތެއްނެތި މި ޢާއިލާތައް ދިރިއުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ ލޮބުވެތި ރައްޔިތުން ހާލުގައި އުޅެމުން ދަނީ ރަނގަޅު ސިޔާތެއްގެ ދަށުން ސަރުކާރުން ކަންކަން ރަނގަޅަށް ނުދެންދިޔުމުގެ ސަބަބުން ކަމަށާއި، ކަންކަން ރަނގަޅު ކުރަން ބޭނުންވާ ހުރިހާ ބާރެއް ވެސް ލިބިއޮވެމެ، ރައްޔިތުންނަށް ލިބުނު ތަސައްލީއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެއީ އޭނާ ދައްކަވާ ވާހަކަ ނޫންކަމަށާއި، އެއީ ރައްޔިތުންގެ އިޙްސާސްތައް ކަމަށް ވިދާޅުވެ، ޑރ. މުޢިއްޒު ވިދާޅުވީ، މިކަން ނިންމަން އޮތީ ރައްޔިތުންގެ އަތުގައި ކަމަށެވެ. އަދި އޭޕްރިލް 10 ވަނަ ދުވަހަކީ މިކަމަށް ރައްޔިތުންނަށް ގޮތް ނިންމަން ލިބޭ ދުވަސް ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!