ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާފައިވާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަަކާއި ކެމްޕޭން ލަވަ އިފްތިތާހްކޮށްފިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި ޑރ. މުޢިއްޒުގެ ވެބްސައިޓް އިފްތިތާހް ކޮށްދެއްވީ، މާލޭގެ ގަދަރުވެރިއެއްކަމަށްވާ، ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޮޑުފެންވަޅުގޭ މުހައްމަދު މުސްތަފާ ހުސައިން އެވެ.
މުޙައްމަދު މުސްތަފާ ޙުސައިންއަކީ ރާއްޖޭގެ އެންމެ ފުންނާބުއުސް އެއް ޝާއިރު، އަދި އަދީބު ބޮޑުފެންވަޅުގޭ ސީދީގެ ބޭފުޅެކެވެ. އަދި އޭނާއަކީ ރާއްޖެއިން އެންމެ ފުރަތަމަ މަތީތަޢުލީމް ހާސިލް ކުރެއްވި ބޭފުޅުން ތެރޭ ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އިނގިރޭސިބަސް ކިޔަވައިދިނުމަށް ޚާއްޞަކޮށް އޭރު މާލޭގައި ހުޅުވި އީޕީއެސް ސްކޫލްގެ ފައުންޑަރގެ ގޮތުގައި ހުންނެވި މުޙައްމަދު މުސްތަފާ ޙުސައިންއަކީ ރޭޑިޔޯ މޯލްޑިވްސް، އެޓޯލްސް ޑިވިޒަން، އެޑިޔުކޭޝަން މިނިސްޓްރީ، ފޮރިން މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީގައި އިސްމަގާމްތަކަކާއި، މިނިސްޓަރުކަމުގެ މަގާމްވެސް ފުރުއްވި ބޭފުޅެކެވެ. އަދި އޭނާ އިންޑިއާ-ޕާކިސްތާންއަށް ކުރީން ކަނޑައަޅާފައި ހުންނެވި ސަފީރުގެ މަގާމް ވެސް ފުރުއްވާފަ އެވެ.
އެ ވެބްސައިޓުން މުއިއްޒު ރޭޑިއޯއާއި މުއިއްޒު ޓީވީގެ އިތުރުން ޑރ. މުއިއްޒުއާ ގުޅޭ ފަހުގެ ހަބަރުތައް ބަލައިލެވޭނެ އެވެ.
ޑރ. މުޢިއްޒުގެ ކެމްޕޭން ލަވަ އިފްތިތާހްކޮށް ދެއްވީ، ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ގިނަ ބަޔަކު ''ރަންއަޑު''ގެ ވެރިއެއްކަމަށް ކިޔާއުޅުނު އުމަރު ޒާހިރެވެ.
މީގެއިތުރުން ރޭ ވަނީ ޑރ. މުޢިއްޒުގެ ރޭޑިއޯއާއި ޓީވީގެ އިތުރުން ވައިބާ ސްޓިކާ ޕެކެއް ވެސް އިފްތިތާހް ކޮށްފައެވެ.
މީގެ އިތުރުން އެ ރަސްމިއްޔާތުގައި މާލޭ ސިޓީގެ ފުރަތަމަ ޑެޕިއުޓީ މޭޔަރު އަހްމަދު ޝަމާއު ރަޝީދު ޑރ. މުއިއްޒަށް ތާއީދުކުރައްވާކަން ވަނީ އިއުލާން ކުރައްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!